އުއްމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކޮށް، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“އަލް ޖަޒީރާ” އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު، އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔުމަށް އަންގާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރައްވާނީ ޑިޕޮލޮމެޓިކް ހަމަތަކުގެ މަތިން ކަމަށާއި އުއްމީދު ކުރައްވަނީ އެގޮތަށް އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ކަމަށެވެ.
ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ވެސް ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭ ރާއްޖޭން ބޭލުމަކީ އެންމެ އުއްމީދު ކުރައްވާކަން ކަމަށާއި އެ އަމާޒު ހާސިލްކުރަން ވަރަށް ސީރިއަސް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބެމުންދާ ކަމަށާއި މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވޭ ކަމަށެވެ. މި ސަރުކާރަށް ދިވެހިން ދެވަނަ ދައުރެއް ދޭން ބޭނުން ނުވި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް، މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ވަކި އިންޑިއާ އެކަންޏެއް ނޫން ކަމަށާއި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަަމަށެވެ. ރާއްޖެ އަކީ ކުޑަ ގައުމަކަށްވެފައި، ސިފައިންގެ ބޮޑު އަސްކަރިއްޔާއެއް ނެތި، ބޭރުގެ ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރައްޔިތުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ.
އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިވަގުތު ގާއިމްވެ ތިބީ ކިހާ އިންޑިއާ ސިފައިންނެއް ކަމެއް ސާފު ނުވާ ކަމަށެވެ. އެ މައުލޫމާތު ސަރުކާރުން ވަނީ މީޑިއާ އަށް ވެސް ސިއްރުކޮށްފައިކަމަށާއި މައުލޫމާތު ހޯދަން ސުޕްރީމް ކޯޓާ ހަމައަށް ވެސް ދާން ޖެހިފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރި ނަމަވެސް، އިންޑިއާ އެކު ޒަމާންވީ ގާތް ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އަދި، އެ ގުޅުން އެގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން ދޭ އެހީތެރިކަން ބަލައިގަންނާނެ ކަމަށާއި ރާއްޖޭގައި އިތުރަށް އިންވެސްޓްކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ވެސް ޝައުގުވެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބަށްފަހު އިންޑިއާގެ ސަފީރު މުނު މަހާވަރްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ޔަގީންކަން ލިބިފައިވާ ކަމާއި އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން މުއިއްޒު ފާހަގަކުރެއްވި އެވެ. ހާއްސަކޮށް އިންޑިއާ އިން ދީފައިވާ ގިނަ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖަސައިދޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ވިދާޅުވިއެވެ.
އިންޑިއާގެ މިލިޓަރީ ކޯޕަރޭޝަން ރާއްޖޭގައި ބެލެންސް ކުރުމަށް ޗައިނާއާ އެކު މިލިޓަރީ އެއްބަސްވުންތަކެއް ހަދާފައިވާނެތޯ ވެސް ސާމި ޒެއިދަން، މުއިއްޒުއާ ސުވާލުކުރިއެވެ. އޭގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެހެން ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެ ތިބޭ ފަދަ އެއްވެސް މުއާމަލާތެއް ނުކުރައްވާނެ ކަމަށެވެ. އަދި ޗައިނާއަކީ ގައުމުތަކުގެ ސިޔާދަތަށް އަސަރުކުރާ ގޮތަށް ގުޅުންތައް ބަދަހިކުރާ ގައުމެއް ނޫން ކަމަށްވެެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާއާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތަށް އިހްތިރާމް ކުރާ ކޮންމެ ގައުމަކާ އެކު ވެސް އެ ގާތް ގުޅުން ބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގެންގުޅުއްވާނެ ހާރިޖީ ސިޔާދަތަކީ “ޕްރޯ-މޯލްޑިވްސް” ކަމަށެވެ. އެއީ، ރާއްޖޭގެ މަސްލަހަތު އަބަދުވެސް އިސްކުރާނެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއް ވެގެންދާނީ، ޖަވާބުދާރީކުރެވެނިވި، ސާފު ސަރުކާރަކަށް ކަމަށެވެ. އެއްވެސް ކަމެއް ސިއްރު ނުކޮށް، މީޑިއާއަށް ހުރިހާ މައުލޫމާތެއް ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި، ހިޔާލުފާޅުކުރުމުގެ ފުރުސަތު އެންމެ ފުޅާ ގޮތެއްގައި ރައްޔިތުންނަށް އޮންނާނެކަން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ. އަދި، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަން ކަށަވަރު ކުރުމަށް މަސައްކަތް ފައްޓަވާނެ ކަަމަށް ވިދާޅުވިއެވެ.