އައިލެންޑް އޭވިއޭޝަންގެ ފުރަތަމަ ފިއުލް ފާމް މާފަރު އެއާޕޯޓުގައި ގާއިމްކޮށްފި

ޚަބަރު ފަހުގެ

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސްއެލް)އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޒަމާނީ ފެންވަރުގެ ފިއުލް ފާމެއް ގާއިމް ކޮށްފިއެވެ.

އެއް ފަހަރާ އެއް ލައްކަ ލީޓަރުގެ ތެޔޮ ރައްކާކުރެވޭ މި ފިއުލް ފާމަކީ މޯލްޑިވްސް އިސްލާމިކް ބެންކުން ފައިނޭސް ކޮށްގެން ގާއިމުކޮށްފައިވާ ފާމެކެވެ. މިއީ އެ ކުންފުނިން ގާއިމު ކުރި ފުރަތަމަ ފިއުލް ފާމެވެ.

އިޝްތިހާރު
އިޝްތިހާރު

މާފަރު އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި މި ފިއުލް ފާމް ހުޅުވައިދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މި މުހިންމު މަޝްރޫއުގެ ސަބަބުން މާފަރު އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.

އެގޮތުން, އެ ކުންފުނިން ބުނީ، މި ފިއުލް ފާމާ އެކު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޑޮމެސްޓިކް 4-5 ފްލައިޓަށް އަދި އިންޓަނޭޝަނަލް 3-5 ފްލައިޓަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި، ފިއުލް ފާމުގެ އިތުރުން މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންވާ ދެ ބައުޒަރު ވެސް މާފަރުގައި އޮންނާނެ ކަމަށާއި މި ފާމްގައި ބޭނުންކުރާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ މެޝިނަރީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ފިއުލް ފާމުގައި ފާހަގަ ކޮށްކެވޭ ކަންތައްތަކުގެ ތެރޭގައި:

  • 400،000 ލީޓަރުގެ ފިއުލް ރައްކާ ކުރެވުން
  • 35،000 ލީޓަރުގެ ތެޔޮ ބައުޒަރެއް އޮތުން
  • 20،000 ލީޓަރުގެ ތެޔޮ ބައުޒަރެއް އޮތުން
  • އެއާބަސްއޭ ފިޔަވައި ހުރިހާ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ގާބިލުކަން ހުރުން
  • ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ރައްކާތެރިކަމާއި ތިމާވެށީގެ ހަރުކަށި މިންގަނޑުތަކަށް އަމަލުކުރުން
  • އެއާޕޯޓުގެ ޖުމްލަ އޮޕަރޭޝަނަލް އެފިޝިއެންސީއަށް ބޮޑު ކުރިއެރުމެއް ލިބުން

އިސްލާމިކް ބޭންކުގެ އެމްޑީ، މުފައްދަލް އިދްރީސް ވިދާޅުވީ، މާފަރު އެއާޕޯޓުގެ ފިއުލް ފާމާއެކު މި ސަރަހައްދުގެ ޓޫރިޒަމަށް ހޮޔެ ބަދަލުތަކެއް އައިސް ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި، ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު އެ ދާއިރާ އިތުރަށް ތަރައްގީކުރުމުގައި ބައިވެރިވުމަކީ އެ ބޭންކުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޖެޓް ޖައްސާ އެއް އެއާޕޯޓެވެ. އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 700 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑުކުރެވޭ މި އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ މި އެއާޕޯޓަކީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހަދާފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓުގައި ރަންވޭގައި ގާތްގަނޑަކަށް 2,300 މީޓަރުގެ ހުންނައިރު އެ އެއާޕޯޓަށް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ