ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގެއް ހޯދައިދިނުމަށް ރާއްޖެއިން ގޮވާލައިފި

ޚަބަރު ފަހުގެ

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ މަގެއް ހޯދައިދިނުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ރާއްޖެއިން ގޮވާލައްވައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވަލާފައިވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ކުއްލި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާޒް ޚަލީލް ދެއްވި ތަޤުރީރުގައެވެ. ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ދެމުންދާ ޙަމަލާތަކާއި ގުޅިގެން އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމެއްމިވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައި އޯއައިސީގެ މެމްބަރު ގިނަ ޤައުމުތަކަކުންވަނީ ބައިވެރިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާޒް ޚަލީލްވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އިންސާނީ އެހީގެ ޤާފިލާތައް އެތެރެނުވެވޭނެހެން އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތްކުރައްވާ، ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރުއެޅުއްވުމަށްވަނީ ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލައްވާފައެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކުޑަކުދިން ހިމެނޭހެން މަޢުސޫމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކާއި ހޮސްޕިޓަލްތަކާއި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ދެމުންދާ ހަމަލާތައް ބަލައިނުގަނެވޭނެކަމަށެވެ. އަދި އިސްރާއީލުގެ ޙަމަލާތަކަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއްކަމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު އިސްރާއީލުގެ ލާއިސްސާނީ ޢަމަލުތަކުގެ ސަބަބުން މެދު އިރުމަތީގެ ސުލްހައާއި ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެކަމުގެ ކަންބޮޑުވުންވެސްވަނީ ފާޅުކުރައްވާފައެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ރާއްޖެއާ ފަލަސްޠީނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލެއްވިއެވެ. އަދި ބައިނަލްއަޤުވާމީގޮތުން ހުރި ޤާނޫނީ އިމުގެ ތެރެއިން ފަލަސްޠީނަށް އެއްބާރުލުން ދިނުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ. ހަމަމިއާއެކު ފަލަސްޠީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ކަންތައްތަކާމެދު ދިވެހި ހުރިހާ ރައްޔިތުން ހިތާމަކުރަމުންދާ ކަމުގައިވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ފަލަސްޠީނަކީ 1967ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މަތީގައި، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މުސްތަޤިއްލު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެންކަމަށް ތަކުރާތުކުރެއްވިއެވެ..

ޚަލީލްގެ ވާހަކަފުޅުގައިވަނީ އޯ.އައި.ސީ. އުފެއްދި މައިގަނޑު މަޤްސަދަކީ ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކުރުންކަމުގައިވީތީ، މިދަނޑިވަޅުގައި އޯ.އައި.ސީގެ މަޤުސަދު ފުރިހަމައަށް ޙާސިލު ކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިބައްދަލުވުން އިންތިޒާމުކުރެއްވީތީ އިސްލާމިކް ސަމިޓާއި އޯ.އަ.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާކަމުގައި ހުންނެވި ސަޢުދީ އަރަބިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިފަހަރުގެ ބައްދަލުވުމަށް މެމްބަރު ޤައުމުތަކުން ލިބިގެންދިޔަ އެއްބާރުލުމާއި ތަރުހީބު ފާހަގަކުރައްވާ އެއީ އައިއޯސީގެ މެމްބަރު ޤައުމުތަކުން ފަލަސްޠީނުގެ މައްސަލައަށްދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭކަމެއްކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ