ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްޑީޕީން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެ ޕާޓީން އެދުނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ނިންމި ނިންމުން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާމް ފޮނުއްވަވާފަ އެވެ.

އެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވޭނެކަން ހާމަކުރައްވާ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް ފިޔަވާ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ކަނޑައަޅާފައިވީ ނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ވަކި ބާބެއް މަޖިލީހުގެ ގަވާއިދުގައި ހިމަނާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.

އެމްޑީޕީން މިއަދު ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ