ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުދޭތީ ހުށަހެޅި މައްސަލަ ބޭރުކޮށްފި

ޚަބަރު ފަހުގެ

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްދޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަަހަޅާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ. ނާޒިލް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 59 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ނާޒިލްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ސްޓޫޑެންޓް ލޯނުގެ ދަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ފައިސާ ޖަމާކޮށް ނުދިނުމުގެ ސަބަބުން އެ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ދަރިވަރުން ކޯސް ފީ ނުދެއްކި، ޔުނިވަސިޓީތަކުން ދަރިވަރުންނަށް އިންޒާރުދީ ‘ބްލެކްލިސްޓް’ ކުރާ ހިސާބަށް ގޮސްވައިވާކަމަށެވެ. އަދި ބައެއް ދަރިވަރުން އެ ދަރިވަރުން ދިރިއުޅޭ ތަންތަނުގެ ކުލި ނުދެއްކި ތިބިކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ނާޒިލްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ބޭރުގައި ކިޔަވާ ކުދިން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ވެސް ނުކުރެވި އެކި ފަރާތްތަކަށް އެހީއަށް އެދި ސަލާމްޖަހަން ޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެ ކުދިންގެ އާއިލާއިން ގޮސްފައިވާ ކަމަށެވެ.

ދައުލަތުގެ ތިޖޫރި ހުސްކުރަނީ، ސަރުކާރުގެ ވެރިންނަށް ގެކޮޅުތަކާއި އޮފީސްތައް ޒީނަތްތެރިކުރަން ކަމަށް ކުއްލި މައްސަލައިގައި ތުހުމަތު ކޮށްފައިވެއެވެ. އަދި ސިޔާސީ މުވައްޒަފުން ފައުޖު ފައުޖަށް އައްޔަންކޮށް އެ މީހުންނަށް މުސާރަ ދިނުމަށް ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ