2024 ވަނަ އަހަރު ހަނިމާދޫއަށް ބަޖެޓު ކުރެވިފައިވާ މަޝްރޫއުތައް!

ހަނިމާދޫ ފަހުގެ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އޮކްޓޯބަރ 31 ވަނަ ދުވަހު ވަނީ ހުށަހަޅައިފައެވެ.

އެބަޖެޓުގައި ހދ.ހަނިމާދޫއަށް 2024 ވަނަ އަހަރު ކުރަން ރާވާފައިވާ މަޝްރޫއުތައް ވަނީ ހިމަނާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ހަނިމާދޫ ސްކޫލަށް 4 ކުލާސްރޫމް އަދި އަޕްގްރޭޑްކުރުމުގެ މަސައްކަތަށް 164015 ރުފިޔާ ހަރަދު ވާނެކަމަށް ބުނެފައިވެއެވެ. މި ކަން މިހާރުވަނީ ކޮންޓްރެޓް ކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ހަނިމާދޫ ސްކޫލުގައި އަލަށް ސައިންސް ލެބް، ކްލާސް ރޫމް ގާއިމް ކުރުމަށް 300،000 ހަރަދު ކުރަން ހިމަނާފައިވެެއެވެ.

2024 ވަނަ އަހަރު މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް ހަނިމާދޫގައި ހިންގާނެ ކަންތަކުގެ ތެރޭގައި ހިމެނެނީ 82،008 ރުފިޔާ ހަރަދުކޮށް ކުޑަކުދިން ޕާކް ތަރައްގީކުރުމާއި 279،523 ރުފިޔާ ހަރަދުކޮށް ފުޓުބޯޅަ ދަނޑު ތަރައްގީކުރުމާއި ލައިޓިންގ ސިސްޓަމް ގާއިމުކުރުމަށް 1،477،526 ހަރަދު ކުރަން ހިމަނާފައިވެއެވެ. އަދި ފުޓްސަލް ދަނޑެއް އަޅަން 246،023 ހިމަނާފައިވެއެވެ.

މީގެ އިތުރުން ފާއިތުވެދިޔަ 3 އަހަރު ވެސް ބަޖެޓުގައި ހިމަނާފައިވާ ފަތާ ސަރަހައްދު ގާއިމުކުރުމަށް 423،422 ހިމަނާފައިވެއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ދެ މަސްރޫއެއް ހިންގަން ވަނީ ހިމަނާފައެވެ. އެއީ ހަނިމާދޫ ބަނދަރު އަޕްގުރޭޑްކުރުމަށް 2،831،718 ރުފިޔާއާއި 100 ހައުސިން ޔުނިޓް ނިންމަން 369،034 ރުފިޔާއެވެ.

މިނިސްޓްރީ އޮޕް ފިޝަރީޒް، މެރިން ރިސޯސަން އެންޑް އެގްރިކަލްޗަރ އިން ހިންގުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މަލްޓި ޕާރޕޮސް ލެބޮރަޓަރީ ފެސިލިޓީއެއް ގާއިމުކުރުމެވެ. މިކަމަށް 123،011 ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފައެެވެ.

އިސްލާމިކް އެފެއާޒުގެ ފަރާތުން މިހާރުވެސް ހަނިމާދޫ އަޅަން ފަށާ ނިންމަން ބުނި މުއްދަތު ފަހަނައަޅާ ގޮސްފައިވާ މިސްކިތްވަނީ ހިމަނާފައެވެ. އެކަމަށް 488،227 ރުފިޔާ ހިމަނާފައިވެއެވެ.

ހަނިމާދޫ އެއަރޕޯޓް އަޕްގުރޭޑް ކުރުމުގެ މަސައްކަތާ ހަނިމާދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުން ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ