ނުވިކި ހުރި ވިނަރެސް ފްލެޓްތައް އާދީއްތައިން ފެށިގެން ގަނެވޭނެ

ޚަބަރު ފަހުގެ

ވިނަރެސް މަޝްރޫޢުގައި ނުވިކި ހުރި ފްލެޓްތަ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިމަތިލެވޭނެކަމަށް ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ވިނަރެސް މަޝްރޫއިން ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައެޅިފައިވާ ފްލެޓް ތަކަކީ 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ނުވިކިހުރި ފްލެޓްތަކާއި، 31 އޮކްޓޯބަރ 2023 ގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި، ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކިހުރި ޔުނިޓްތައްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޑީސީން ބުނީ، މި ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ދެމެދު ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ފޯމު ހުށަހެޅުން ބަންދުވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަށް ފޯމު ހުށަހަޅާ ނިމުމުންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިން ޔުނިޓެވެ. މީއީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗްޑީސީ އާއްމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ފައިސާ ދެއްކުމުގެ ގޮތްތައް ހަމަޖައްސާ ގިނަ ފަރާތްތަކުން އެގްރިމެންޓް ހަދާ، މިހާރު ވަނީ އެ ފަރާތްތަކާ ތަޅުދަނޑި ހަވާލުކުރަން ފަށާފައެވެ.

ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ