ކީ ސްޓޭޖް 2 ފުޓްސަލް މުބާރާތް ފަށައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް ކީ ސްޓޭޖް 2 ގެ ފުޓްސަލް މުބާރާތް ފަށައިފިއެވެ. އެގޮތުން އިއްޔެ މި މުބާރާތުގެ 2 މެޗެއް ވަނީ ކުޅެވިގެން ގޮސްފައެވެ.

މި މުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރީ ހުރަވީ ހައުސް އަދި ޣާޒީ ހައުސް އެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗް ނިމިގެން ދިޔައީ 2-2 އަކުން މެޗު އެއްވަރު ވެގެންނެވެ. މެޗު ފަށައިގެން 2 ވަނަ މިނެޓުގައި ހުރަވީ ހައުސްގެ މަޙުދީ ބިން އަލީ އިބްރާޙިމް ލަނޑެއް ޖަހާ ހުރަވީ އަށް މެޗުގެ ލީޑު ނަގައިދިނެވެ. ނަމަވެސް 8 ވަނަ މިނެޓުގައި ޣާޒީ ހައުސްގެ އިބްރާޙިމް ސައްޔާޙް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓް ތެރޭގައި ޣާޒީ ހައުސްގެ މުޙައްމަދު މިއުވާން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ޣާޒީ ކޮޅަށް އަނބުރާލިއެވެ. މެޗުން ހުރަވީ ހައުސް އެއްވަރު ކުރި ލަނޑު ޖެހީ 28 ވަނަ މިނެޓްގައި މުއާޒް ބިން އަބްދުލް ރަޙީމް އެވެ. އޭގެ ފަހުން ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތު ލިބި ވަނީ ފުރުސަތުތަކުގެ ބޭނުން ނުކުރެވިފައެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޣާޒީ ހައުސް އަށް ދެވަނަ ލަނޑު ޖަހައިދިން މުޙައްމަދު މިއުވާންއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ދޮށިމޭނާ ހައުސް ވަނީ ޔަޝަލް އާދަމް ނާސިރުގެ ހެޓްރިކަކާއި އެކު 3-0 ލަނޑުން ފާށަނާ ހައުސް ބަލިކޮށްފައެވެ. އެގޮތުން ދޮށިމޭނާގެ ފުރަތަމަ ލަނޑު 16 ވަނަ މިނެޓްގައި ޔަޝަލް ޖަހާފައިވާއިރު، ދެވަނަ ލަނޑު ޔަޝަލް ޖަހާފައިވަނީ 21 ވަނަ މިނެޓްގެ ތެރޭގައެވެ. އަދި 29 ވަނަ މިނެޓްގައި ދޮށިމޭނާގެ 3 ވަނަ ލަނޑު އަދި ޔަޝަލްގެ ހެޓްރިކު ފުރިހަމަ ކުރި ލަނޑުވަނީ ޖަހާފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި ދޮށިމޭނާ ހައުސްގެ ޔަޝަލް އާދަމް ނާސިރެވެ.

މިއަދު ވެސް މި މުބާރާތުގެ 2 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޣާޒީ ހައުސް ވާދަކުރާނީ ފާށަނާ ހައުސް އާއި އެވެ. އަދި ދެވަނަ މެޗުގައި ހުރަވީ ހައުސް ވާދަކުރާނީ ދޮށިމޭނޭ ހައުސް އާއި އެވެ. ދެ މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ފުޓްބޯޅަ ދަނޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ