ހަނިމާދޫ ސްކޫލް ކީ ސްޓޭޖް 2 އިންޓަރ ހައުސް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ދެ މެޗުން ޣާޒީ އަދި ހުރަވީ ހައުސް މެޗުތައް ކާމިޔާބުކޮށްފިއެވެ.
މިގޮތުން މިއަދު ހަވީރުގެ ފުރަތަމަ މެޗުގައި ޣާޒީ ހައުސް މެޗް ކާމިޔާބު ކުރީ ފާށަނާ ހައުސް ލީޑުނަގައި ފައިވަނިކޮށް ފަހަތުން އަރައި 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗްގެ ފުރަތަމަ މިނެޓްގައި ފާށަނާ ހައުސްގެ ބިލާލް ބިން މަސްޢޫދު ލިބުނު ޕެނަލްޓީއަކުން ފާށަނާ ހައުސް އަށް ލީޑު ނަގައިދިނެވެ. ނަމަވެސް މެޗުގެ 4 ވަނަ މިނެޓުގައި އިބްރާޙިމް ސައްޔާޙު ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އަދި މެޗުގެ 8 ވަނަ މިނެޓުގައި ޣާޒީ ހައުސް އަށް ލިބުނު ޕެނަލްޓީ ގޯލުގެތެރެއަށް ފޮނުވައިލައި އިބްރާޙިމް ސައްޔާޙު ޣާޒީ ހައުސްއަށް ލީޑު ނަގައިދިނެވެ. ޣާޒީ ހައުސްގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 34 ވަނަ މިނެޓުގައި މުޙައްމަދު މިއުވާން އެވެ. އަދި ޣާޒީ ހައުސްގެ ފަހު ލަނޑަކީ ފާށަނާ ހައުސްގެ އައިހަމް މުޙައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ، ޣާޒީ ހައުސް އަށް ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިން އިބްރާޙިމް ސައްޔާހުއެވެ.
މިއަދުގެ ދެވަނަ މެޗުގައި ހުރަވީ ހައުސް، ދޮށިމޭނާ ހައުސް އާއި ވާދަކޮށް މެޗު ކާމިޔާބު ކުރީ 6-0 ލަނޑުގެ ނަތީޖާ އަކުންނެވެ. މިގޮތުން ހުރަވީގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުއާޒް ބިން އަބްދުލް ރަޙީމް އެވެ. އަދި 9 ވަނަ މިނެޓުގައި މުއާޒް އިތުރަށް ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މެޗުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ 16 ވަނަ މިނެޓުގައި އާކިން ބިން އަޝްރަފް އެވެ. އަދި ހަތަރު ވަނަ ލަނޑު 19 ވަނަ މިނެޓުގައި މުއާޒް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. ހުރަވީ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ މަޙްދީ ބިން އަލީ އިބްރާޙިމް 24 ވަނަ މިނެޓްގައެވެ. އަދި ހުރަވީގެ ހަވަނަ ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބުކުރީ އާކިން ބިން އަޝްރަފް އެވެ.
މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ މެޗުގައި ހުރަވީ ހައުސް އިން ހެޓްރިކް ހެދި މުއާޒް ބިން އަބްދުލް ރަޙީމްއެވެ.
މިއަދުގެ މެޗްތަކަށް ފަހު، ހުރަވީ ހައުސް އަދި ޣާޒީ ހައުސް އަށް ވަނީ ކުޅުނު 2 މެޗުން 4 ޕޮއިންޓް ކާމިޔާބު ކޮށްފައެވެ. ގޯލްގެ ތަފާތުން ކުރީގައި ވަނީ ހުރަވީ ހައުސް އެވެ. މުބާރާތުގެ ޕޮއިންޓްސް ޓޭބަލްގެ ތިންވަނައިގައި ވަނީ ދޮށިމޭނާ ހައުސް 3 ޕޮއިންޓާއި އެކުއެވެ. ފާށަނާ ހައުސްއަށް މި މުބާރާތުގައި އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މުބާރާތުގައި މާދަމާވެސް ފޯރިގަދަ 2 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ހުރަވީ ހައުސް ވާދަ ކުރާނީ ފާށަނާ ހައުސް އާއި އެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޣާޒީ ހައުސް އަދި ދޮށިމޭނާ ހައުސް އެވެ.