ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަ ކުރުމަށް ހުކުރު ދުވަހު ހަވީރު ހަނިމާދޫގައި ވެހިކަލް ބުރެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ވެހިކަލް ބުރު އިންތިޒާމު ކުރަނީ ހަނިމާދޫ ސިއްހީ މަރުކަޒުގެ އިސްނެގުމާއެކުއެވެ. މިވެހިކަލް ބުރުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ހަނިމާދޫ ސިއްހީ މަރުކަޒުން އެދިލައްވައެވެ.
ވެހިކަލް ބުރު ފެށުމަށް ހަމަ ޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި ހަނިމާދޫ ސިއްހީ މަޒުކަޒު ކުރިމަތިންނެވެ. އަދި ހަނިމާދޫގެ ބޮޑެތި މަގުތަކުގައި މި ވެހިކަލް ބުރު ދަތުރު ކުރާނެއެވެ. ވެހިކަލް ބުރުގައި ދުވަހުގެ ކުލަ ކަމުގައިވާ ރަތްކުލަ އެކުލެވޭހެން ހެދުން ތުރު ކުރެއްވުން އެދެވިގެން ވާކަމަށްވެސް އެ މަރުކަޒުން އެދިލައްވައެވެ.
އެއިޑްސް ބަލި އިންސާނާގެ ހަށިގަނޑަށް ވާސިލު ވަނީ މައިގަނޑު ތިން ކަމަކުންނެވެ. އެއީ ޖިންސީ ގުޅުމުން، މައިމީހާގެ ސަބަބުން އަދި ލެއިންނެވެ.
އެޗްއައިވީ ޖެހިފައިވާ މީހަކާއެކު ހުރަހަކާ ނުލާ ޖިންސީގުޅުން ހިންގުމަކީ އެޗްއައިވީ ޖެހޭ މައިގަނޑު އެއްސަބަބެވެ. އެޗްއައިވީ އިންފެކްޝަން ހުރި މައެއްގެ ފަރާތުން ތުއްތު ދަރިފުޅަށް ވަރަށް ފަސޭހައިން ޖަރާސީމު އަރައެވެ. އެއީ މާބަނޑުގައި ދަރިފުޅު އޮންނައިރުގައްޔާއި، ވިހެއުމާއި، ގާތުންދިނުމުގެތެރޭގައެވެ. އަދި އެޗްއައިވީ އިންފެކްޝަން ހުރި މީހެއްގެލޭ އެބަލި ނުޖެހޭ މީހެއްގެ ގަޔަށް އެޅުމުގެ ސަބަބުން އެމީހެއްގެ ހަށިގަނޑުގައިވެސް އެ ޖަރާސީމު އާލާވާން ފަށައެވެ. މީގެ އިތުރުން މަސްތުވާތަކެތި އިންޖެކްޓުކުރުމަށް ގެންގުޅޭ ސިރިންޖުފަދަތަކެތި ހިއްސާކުރުމުގެ ސަބަބުން ވެސް މި ބަލި ޖެހެއެވެ.
އެއިޑްސްގެ މާނައަކީ އަމިއްލައަށް ލިބިގަންނަ، ދިފާއީ ބާރު ނެތިކޮށްލާ އެތައް ބައްޔެއް އޭގައި އެކުލެވިގެންވާ ބައްޔެކެވެ. މި ބަލި ޖައްސަނީ ހިއުމަން އިމިއުނޯޑިފިޝަންސީ ވައިރަސް (އެޗްއައިވީ) އިންނެވެ. މިބައްޔަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާއިރު އެއިޑްސް ބަލިޖެހިގެން މަރުވަނީ ގާތްގަނޑަކަށް 2 އަހަރާއި 10 އަހަރާއި ދޭތެރޭގައި ބަލީގެ ވޭން ތަހައްމަލު ކުރުމަށްފަހުގައެވެ.
އެޗްއައިވީ އަދި އެއިޑްސް ހުރި މީހެއްގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ދުޅަވުން، ހަމުގެ ކުލައަށް ބަދަލެއް އައުން އަދި ހަންގަނޑު ކުރަކިވުން ހިމެނެއެވެ. މީގެ އިތުރުން ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައިރިހުމާއި، ކާހިތްނުވުމާއި، މޫނުމައްޗަށް އަނދިރިވުން ހިމެނެއެވެ.