ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ނިންމައިފި

ޚަބަރު ފަހުގެ

ތުރުކީގެ ވެރިރަށް އަންކާރާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ތުރުކީގައި އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ތެރޭގައި ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ތުރުކީގައި އެމްބަސީއެއް ގާއިމުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހެޅީ ފޮރިން މިނިސްޓްރީންނެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ ދަށުން ތުރުކީގައި އެމްބަސީއެއް ހުޅުވުމަށް ރައީސް މުއިއްޒު ނިންމެވީ ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގްތިސާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމުގެ މަގުސަދުގައި ކަމަށެވެ.

ތުރުކީ އަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ — އެސެންޝަލް ކޮމޯޑިޓީސް އާއި މުހިއްމު ބައެއް އެހެން ސާމާނުވެސް ރާއްޖެއަށް އެތެރެކުރާ ގައުމެވެ.

އެހެންވެ އެމްބަސީއެއް ތުރުކީގައި ހުޅުވުމުގެ ބޭނުންތަކުގެ ތެރޭގައި ތުރުކީގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް ތުރުކީއަށް އެކްސްޕޯޓު ކުރުމަށް އިތުރު މަސައްކަތްތައް ކުރުންވެސް ހިމެނެ އެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލްކުރުމަށް ތުރުކީވިލާތަށް ދިއުމާއި، އެ ގައުމަށް ދާ ދިވެހި ފަތުރުވެރިންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވުމަކީވެސް އެމްބަސީއެއް ހުޅުވުމަށް ނިންމި ބޭނުމެކެވެ.

ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ މެއި 28، 1979 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އަހަންނަކައް ނެއެ ކަލެޔަކައް އިތުބާރެ ކަލޭ ބުނިން ހުވާކުރާތާ 48 ގަޑިއިރު ތެރޭގަ އިންޑިޔާ ސިފާން ބާލާނަމޭ މިހާރުއް ތީ އިންޑިޔާ ޕައަޕެޓެއެ