ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިކުރަން އެބައުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް އަމާޒު ކުރައްވާ ގައުމީ މަޖިލީހުގެ ގުރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައި ނަޝީދު ވަނީ ރަށްރަށުގައި ތިބި ފެނަކަގެ މުވައްޒިފުންގެ ތެރެއިން އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ސައީދު މަަސައްކަތް ކުރައްވަނީ އެމަނިކުފާނު އެމްޑީޕީން ބޭރުކޮށްލެއްވުމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވަނީ ފެނަކައަކީ ސައީދުގެ އަމިއްލަ ތަނެއް ނޫންކަން ހަނދުމަކުރަން ޖެހޭނެ ކަމަށެވެ. ރަށްރަށުގައި ތިބި ފެނަކައިގެ މުވައްޒަފުންނަށް ބިރުނުދެއްކެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. “ސައީދު އަޅުގަނޑު މި ޕާޓީން ވަކިކުރަން އުޅުނަސް، ފެނަކައިގެ ހުރިހާ މުވައްޒަފުން އެކަމަކާ ނުރުހޭނެ،” ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.
ނަޝީދު އެމްޑީޕީން ވަކިކުރަން އެބައުޅޭ ކަމަށް ނަޝީދު ވިދާޅުވިއިރު އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެޕާޓީން މެންބަރަކު ވަކިކުރެވޭނީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށެވެ.


