30 ޗެމްޕިއަންޝިޕް 2023: އަހުލީ މިފަހަރުވެސް ޔުނީފޯމު އަތްދަށުން ސަލާމަތެއްނުވި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ 30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ޔުނީފޯމު ކުޅުނު ފުރަތަމަ މެޗުން އަހުލީ އަތުން މޮޅުވެއްޖެއެވެ.

އަހުލީ އަދި ޔުނީފޯމު ތަފާތު އެތައް މުބާރާތެއްގައި ވާދަކޮށްފައިވާއިރު 2021 ވަނަ އަހަރުން ފެށިގެން އަހުލީއަށް ޔުނީފޯމު ކައިރިން މޮޅުވެވިފައެއް ނެތެވެ.

އިޝްތިހާރު
އިޝްތިހާރު

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ޔުނީފޯމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ.

ފުރަތަމަ ހާފުގައި ޔުނީފޯމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޔުނީފޯމްގެ ތިން ލަނޑު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި ހުސެއިން ރަމީޒް ޖަހައިދިންއިރު ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ ފަޒީންއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޔުނީފޯމްގެ ތިންވަނަ ލަނޑު ޖެހީ ހުސެއިން ސިނާން އެވެ. އަހުލީގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ ފަހުކޮޅު ޔުނީފޯމްގެ ހުސެއިން ރަމީޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި އަހުލީގެ ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ފުރުޞަތުތައް ހޯދިއިރު، އެ ޓީމްގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އަބްދުﷲ ޝިފާޒް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނީފޯމްގެ ޖޯޒީ ނަމްބަރު 29، ހުސެއިން ރަމީޒެވެ.

މި މުބާރާތުގައި ދެން ޔުނީފޯމް ޓީމުން މެޗެއް ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު ރިއަލް ސްޓާސްއާ ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ