މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ސަރުކާރުގެ އިސްތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ޝަހީބު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް އާއި ނާއިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫން ކަމަށެވެ. އަދި އެއީ ރައީސް ތާއީދުކުރައްވާ ނިންމުމެއް ވެސް ނޫން ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއް ވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކޭ ކަމުގައި ވެސް ޝަހީބު ވިދާޅުވިއެވެ.
ރައީސް އާއި ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުން ހިމެނޭހެން ދައުލަތުގެ އިސް މަގާމުތަކެއްގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
އެ ކޮމެޓީން މިގޮތަށް ނިންމަވާފައިވާއިރު، މަޖިލިސް ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންނާއި މޭޔަރުންނާއި ކައުންސިލަރުން ވެސް ހިމެނޭ ގޮތަށް މި މަގާމުތަކަށް މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވެސް ވަނީ ހިމަނާފައެވެ.