ޕޮލިހުން ބުނީ ފައިސާ ނަގާފައިވަނީ ގއ. ވިލިނގިލީގައި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑުން ކަމަށެވެ. ފައިސާ ނެގީ އެ އަތޮޅު މާމެންދޫގައި ހުންނަ އޭޓީއެމްއަކުން ކަމަށް ފުލުހުން ބުންޏެވެ.
މައްސަލަ ރިޕޯޓުކުރުމާ އެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މީހުން ހައްޔަރުކުރީ ފައިސާ ނަގައިގެން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ކަމަށް ޕޮލިހުން ބުންޏެވެ.
އެ މީހުން ދަތުރުކުރި ލޯންޗު ބަލައި ފާސްކުރިއިރު، އެ އަންހެންމީހާގެ ކޭޝް ކާޑު ބޭނުންކޮށްގެން ވަގަށް ނެގި 25،000ރ. ގެ ތެރެއިން 23،000ރ. ފެނިފައިވާ ކަމަށް ޕޮލިހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ވިލިނގިލީ މީހެއް ކަމަށްވާ އުމުރުން 22 އަހަރުގެ މުހައްމަދު ޝައިން ޝަމީޒް އާއި ލ. ގަމު މީހެއް ކަމަށްވާ 24 އަހަރުގެ ހަމްދޫން ހަލީލެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.