ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއް ބްލޮކްކޮށްފި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއެއް ކަމަށްވާ “ފުރަތަމަ” ނޫހުގެ ވެބްސައިޓު ވެސް ބްލޮކްކޮށްފި އެވެ.

މިކަން މިހެން ކޮށްފައިމިވަނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެފައިވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަހީބު “އެކްސް” ގައި ކުރެއްވި ފޯސްޓެއްގައި އެހެން ވިދާޅުވީ ކުރުސީ ޑޮޓް ކޮމް އަދި ދިޔަވަރު ޑޮޓް ކޮމް ބްލޮކްކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުމާއި ނުރުހުން ފާޅުކުރަން ފެށުމުންނެވެ.

އެ ފޯސްޓްގައި ޝަހީބު އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ނަމަވެސް “ފުރަތަމަ” އަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައި މިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށްފަހުގައެވެ. އަދި އެ ނޫހުގެ އެއް މުއައްސިސް ވަނީ އެކަން މިޑިޔާއަށް ކަށަވަރުކޮށްދެއްވާފައެވެ.

ފުރަތަމަ ނޫހުގެ މަސްއޫލުވެރިޔާ އަހުމަދު އާތިފަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެވެ. އެ ނޫހުގެ އެޑިޓަރެއްގެ ގޮތުގައި ހޯމްލޭންޑު މިނިސްޓްރީގެ ދަފުތަރުގައި އޮތީ އަހުމަދު އާޒިފެވެ. އޭނާއަކީ ސަން އޮންލައިންގެ ވެސް ނޫސްވެރިޔެކެވެ.

“ފުރަތަމަ ނިއުސް” ރަޖިސްޓްރީކޮށްފައި ވަނީ ނޮވެމްބަރު 25، 2019 ގަ އެވެ.

އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ