ސަރުކާރާ ދެކޮޅު ސައިޓުތައް ބްލޮކު ކުރުމުން ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން

ޚަބަރު ފަހުގެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކާއި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދިޔަ ނޫހަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުމަކީ، ނޫސްވެރިންނާއި ނޫސްތަކަށް ދޭ ބޮޑު ނުރައްކަލުގެ ރަނގަބީލެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

ރަޖިސްޓްރީ ކޮށްގެން ހިންގާ “ފުރަތަމަ” އަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައި މި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބްލޮކް ނުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށްފަހެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަން ހުރަސްއެޅޭ ގޮތަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އެމްޖޭއޭއިން ބުނީ މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެންދާފަދަ ބިރުވެރި ނިންމުމެއް ކަމަށެވެ.

އެގޮތުން، ސަރުކާރުން މިފަދަ ފިޔަވަޅެއް ފެށީ ކުރިއާލާ އެކަމުގެ އުސޫލު އާންމުނުކޮށް، އިންޓަނެޓް ސެންސާޝިޕް އެކްސަސައިޒުކުރުމުގެ ގޮތުން ކަމަށާއި އުސޫލެއް ނެތި އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ނޫސްވެރިންގެ އަހުލާގު ހިފެހެއްޓުމާއި ދޮގު ފެތުރުން ހުއްޓުވުން ގާނޫނުން މީޑިއާ ކައުންސިލަށް މަތިކޮށްފައިވަނިކޮށް، އެ އިދާރާއިން ބަލަން ޖެހޭ ކަމެއްގެ ތެރެއަށް ސަރުކާރުން ވަނުމަކީ ގާނޫނީ ނިޒާމުގެ ތަރުތީބު އޮޅިގެންދާނެ ކަމެއްގެ ގޮތުގައި ވެސް އެމްޖޭއޭއިން ސިފަ ކުރި އެވެ.

އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ