އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އަޅަނީ

ޚަބަރު ފަހުގެ

ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ޗައިނާގައި ކުރިއަށްގެންދިޔަ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ހާމަކުރެވުނުއިރު 15 އެއާޕޯޓް އަޅަން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ފޯރަމުގައި ހުށަހަޅުއްވައިފައެވެ. އަދި ޗައިނާގެ ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފ. ނިލަންދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ނިންމާ އެއާޕޯޓު ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސާވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އަދި މިހާރު ބޭނުންކުރާ ޑޮމެސްޓިކް އެއާޕޯޓުތައް އިތުރަށް ތަރައްގީކުރުމުގެ އިތުރުން، އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން ވެސް ހިމެނެއެވެ.

ރާއްޖޭގައި މިހާރުވެސް 16 ޑޮމެސްޓިކް އެއާޕޯޓް ހިންގަމުންދާއިރު އިތުރު 15 އެއާޕޯޓް އަޅާ ސަރަހައްދުތައް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

އެއާޕޯޓް އެޅުމުގެ އިތުރުން 11 މަޝްރޫއުއަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ. އޭގެތެރޭގައި އައްޑޫ ބްރިޖު މަޝްރޫއު އާއި، ގދ. ކާޑެއްދޫއާއި ގދ. ތިނަދޫ ގުޅުވާލުމުގެ މަޝްރޫއު އާއި، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއުތައް ހިމެނެއެވެ.

އައްޑޫ ބްރިޖު މަސައްކަތަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރުވެސް އެއް ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެ ޕްރޮޕޯސަލް މިހާރު އިވެލުއޭޓް ކުރަމުންދާކަން ވަނީ ހާމަކޮށްފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ