މާބައިދޫ ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތް ދޭން ފަށައިފި

ޚަބަރު ފަހުގެ

ލ. މާބައިދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މިއަދު ލ. މާބައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ މާބައިދޫ ކައުންސިލްގެ ރައީސްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ޕޮލިސް ކޮމިޝަނަރެވެ.

މި ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ މާބައިދޫގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށިގެން ދިއުމާއެކު ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްވިޔަ ނުދިނުމަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ. އަދި މި ކުޑަ ދިވެހިރާއްޖެއަކީ ހުޅުވިފައިވާ ގައުމަކަށްވުމާއި، އެހެން ގައުމުތަކާ އަޅާބަލާއިރު ކުށް ދައުރުވުން ހަލުވި ގައުމަށްވީނަމަވެސް ރައްޔިތުންނާ ފުލުހުންނާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުށްމަދު އަމާން ގައުމަކަށް މިގައުމު ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ސީޕީ ޝުޖާއު ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ހިދުމަތް މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ގާނޫނު ތަންފީޒްކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ. އެހެންކަމުން މާބައިދޫގައިވެސް ފުލުހުންގެ މަރުކަޒެއް ގާއިމްކުރުމަށް ފުލުހުންގެ ގާނޫނުން ލާޒިމްކުރާކަން ފާހަގަކުރައްވައި، މިއަދު ހުޅުވިގެންދާ މަރުކަޒަކީ އެހުރިހާކަމެއް ޔަގީންކުރުމަށް ހުޅިވިގެންދާނެ ދޮރާޓެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުއާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމަށާއި ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރުންކަން ފާހަގަކުރައްވައި، ރައްޔިތުންނާ ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތް ކުރިއަށް އޮތް ފަސް އަހަރަށް ރާވާ، އިންތިޒާމްކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުން މާބައިދޫގައިވެސް ފުލުހުންގެ ހިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުތައް ދިނުމާއި ފުލުހުން އިތުރަށް ހަރުދަނާކުރުމާއި އިތުރު ފަންނީ ވަސީލަތްތައް ގާއިމްކޮށްދިނުމާއި ކައުންސިލާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.

މާބައިދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސީނިއަރ ބައެއް އޮފިސަރުންނާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމު އާއި އެރަށު ކައުންސިލް މެމްބަރުންނާއި ލ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލްހަފީޒް އިބްރާހިމް އާއި ރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ