ޗައިނާގެ ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޚަބަރު ފަހުގެ

ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، އަދި ޓްވެންޓިއަތް ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ބެއިޖިންގ ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައިވަނީ ސިޔާދަތީ ހަމަހަމަކަމާއި ދެޤައުމުންވެސް އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އަދި ދެޤައުމުގެ ދެމެދު އޮތް ތާރީޚީ ގުޅުންތަކުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުން އަލަށް ފައްޓަވަން ނިންމަވާފައިވާ މަޝްރޫޢުތަކާ ގުޅޭ ގޮތުންނާއި އީ-ކޮމަރސްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ޚާއްސަކޮށް ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، މިނޫންވެސް ރާއްޖޭގެ ތަރައްޤީއަށްޓަކައި ރާއްވަވާފައިވާ އިތުރު މަޝްރޫޢުތަކުގައި އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޓޭޓް ކައުންސިލުގެ ޕްރިމިއަރ ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ފަރާތުން ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ހުށަހެޅުއްވިއެވެ. އެގޮތުން ސްކޮލަރޝިޕް ފުރުސަތުތަކާއި، ފަންނީ ދާއިރާތަކުން އަމަލީ ތަމްރީނުގެ ފުރުސަތުތަކާއި، އެކި ކުޅިވަރުތަކުގެ ތަމްރީނުގެ ފުރުސަތުތަކާއި، މަސްވެރިކަމުގެ ދާއިރާއާއި މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޤުދުރަތީ ދިރުންތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، މެޓްރޮލޮޖިކަލް ޓެކްނޮލޮޖީއާއި އަދި މިނޫންވެސް އެކި ދާއިރާތަކުން ގުޅުންބަދަހިކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެ ޤައުމުން އިސްކަންދޭ މުހިންމު އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށާއި، އެމަނިކުފާނުގެ ރިޔާސީ ޒައާމަތުގައި ދެ ޤައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1972 ވަނަ އަހަރުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ