މާާލޭ މޭޔަރު އިންތިޚާބުގައި ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓެއް ހިޔާރުކުރައްވާ: ރައީސް

ޚަބަރު ސިޔާސީ

ކުރިއަށްއޮތް މާލޭ މޭޔަރު ބައި-އިލެކްޝަންގައި ސަރުކާރަށް އެއްބާރުލުންދޭނެ، ކެންޑިޑޭޓެއް ޚިޔާރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް މިގޮތަށް އެދިވަޑައިގަތީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ މޭޔަރު ބައި-އިލެކްޝަނާއި ގުޅޭގޮތުން ޗައިނާގައި ހުންނަވާ ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެސެޖުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުންނުދީގެން ވަރަށް ގިނަ ކަންތައްތަކެއް މާލޭގެ ރައްޔިތުންނަށް ނުވެފައިހުރި ކަމަށެވެ. އަދި މާޒީގައިވެސް ފެނިފައިވަނީ ސަރުކާރާއި ދެކޮޅު ކެންޑިޑޭޓަކު ހޮވައިފިނަމަ، މާލޭގެ ރައްޔިތުންނަށް ހިތި މަންޒަރުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށްކަމަށެވެ. އަދި މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން ވިސްނަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި، އެހެންކަމުން މޭޔަރަކު އިންތިޚާބުކުރުމަށް ވޯޓުދެއްވާއިރު، ވިސްނަވާފާ ވޯޓު ދެއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

“މާލޭގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދިވަޑައިންނަވާ އެންމެ މުހިންމު ކަންކަން، ސަރުކާރާއި ގުޅިގެން، ސަރުކާރާއި ރައްޔިތުންގެ މެދުވެރިއަކަށްވާ ރައްޔިތުންގެ ފަރާތުން ހުންނަވާ، ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާއި ގުޅިގެން ތަންފީޒްކޮށްދެއްވާނެ މޭޔަރަކު ހޮވުމަކީ ވަރަށް ބޮޑަށް އެދޭކަމެއް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 3 އަލްއުސްތާޛާ ޢާޒިމާ ޝަކޫރަކީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ކެންޑިޑޭޓެއްކަމަށެވެ. އަދި އެމަނިކުފާނު މާލޭގެ ސަރަޙައްދަށް ގެންގުޅުއްވާ ތަޞައްވުރު ތަންފީޒުކުރުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކެންޑިޑޭޓަކީވެސް ޢާޒިމާ ޝަކޫރުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންގޮތަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާފައިކަމަށާއި، ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށްވެސް، ހުޅުމާލޭގައި ހުރި މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ ސަރުކާރާއި އެއްކޮށް މަސައްކަތްކުރާނެ ކެންޑިޑޭޓެއް ހޮވިގެން ކަމަށެވެ.

ވިލިމާލެއަށް ބަލައިލިނަމަވެސް، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުންނުދީގެން ނުކޮށްދެވި ހުރި ވަރަށް ގިނަ ކަންތައްތައް، ރައީސްކަމަށް ހޮވިވަޑައިގަތުމާއެކު ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ވިލިމާލޭ ފަޅުގައި އަޅާފައިހުރި ތެޔޮ ބޯޓުތައް ފަޅުން ނެރުމާއި، 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވިލިމާލޭގައި އެޅުމުގެ އެއްބަސްވުމެއްގައި މިހާރު ސޮއިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ވިލިމާލޭގެ ރައްޔިތުންވެސް، ވިލިމާލެއަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ތަންފީޒުކުރައްވާނެ މޭޔަރަކު ހޮވުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި މެސެޖު ނިންމަވާލައްވަމުން، ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުން މޭޔަރަކު އިންތިޚާބު ކުރައްވާއިރު، ސަރުކާރަށް އެއްބާރުލުންދެއްވާނެ މާލެއަށް ފައިދާހުރި ކެންޑިޑޭޓަކު ހޮވައްވާނެކަމަށް އެމަނިކުފާނު ޔަޤީން ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަށް މާލޭގެ ރައްޔިތުންގެ އިތުރުން ހުރިހާ ދިވެހި ރައްޔިތުން ކުރެއްވި އިތުބާރަށް ރައީސް ޑރ. މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ އިސްސާފުވެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިހުންނަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ