ރާއްޖެ ކުޑަގައުމަކަށްވުމަކީ ބަޔަކަށް ގަނާކުރަން ލައިސަންސް ލިބޭ ކަމެއް ނޫން: ރައީސް

ޚަބަރު ފަހުގެ

ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ކަމަށާއި، އެހެންނަމަވެސް އެއީ އެއްވެސް ބަޔަކަށް ގަނާކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު ސީނުކަރައަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ބިނާވެގެންވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އޭގެތެރޭގައި އެއްގައުމު އަނެއްގައުމަށް އިހްތިރާމް ކުރުން ހިމެނޭކަމަށެވެ. އަނެއް އަސާސަކީ ސޮވެރިން އިކުއިލިޓީ ކަމަށާއި، ދެގައުމަކީ ސައިޒުގެ ގޮތުން ތަފާތު ދެ ގައުމު ނަމަވެސް ސޮވެރިން އިކުއިލިޓީގައި ދެ ގައުމަކީވެސް ހަމަހަމަ ދެ ގައުމުކަމަށް ދެކޭކަމަށް ރައީސް ވިދާޅުވި އެވެ.

ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ ދެ ގައުމުގެ ގުޅުން ބިނާވާ އަނެއް މުހިންމު އަސާސްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ‘ވަން ޗައިނާ’ ޕޮލިސީ އަށް ފުރިހަމައަށް ތައީދުކުރާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްތައް ކިތަންމެ ކުޑަ ނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން ވަރަށްވެސް ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަށް ޗައިނާއިން ވަރަށް ބޮޑަށް އިހްތިރާމު ކުރާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްތައް ކިތަންމެ ކުޑަނަމަވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ވަރަށް ބޮޑުކަމަށެވެ. އެގޮތުން ރާއްޖެ ސަރަހައްދަކީ 9 ލައްކަ އަކަ ކިލޯމީޓަރުގެ ސަރަހައްދެއްކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ވިދާޅުވީ، އިންޑިއާ ކަނޑަކީ ވަކި ބައެއްގެ މިލްކެއް ނޫން ކަމަށާއި، އެކަނޑަކީ ވަށައިގެންވާ ގައުމުތަކަށް ނިސްބަތްވާ ކަނޑެއް ކަމަށެވެ. އަދި އެއްވެސް ގައުމަކަށް ނިސްބަތްނުވާ ސަރަހައްދު މާބޮޑު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޗައިނާއިން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

“މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ.” – ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ހުރިހާ ޤައުމަކާ ދޭތެރޭގައި ވެސް ރާއްޖެއިން ގުޅުން ޤާއިމްކުރަން ބޭނުން ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު ޤާއިމްވެފައި އޮތް ހަތަރު އަސާސްގެ މައްޗަށް ކަމަށެވެ. އަދި އެ އަސާސްތައް ޤަބޫލްކުރާ ހުރިހާ ޤައުމަކާ ވެސް ގުޅުން ޤާއިމް ކުރައްވާނެ ކަމަށާއި ރާއްޖެއިން ޤަބޫލްކުރާ ޤަބޫލްކުރުމަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ