ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ފެބްރުއަރީ 5ގައި

ޚަބަރު ފަހުގެ

ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުމަށް ނިންމައިފި އެވެ.

މިއީ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފަށާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެ އެވެ. ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ.

ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެކުރިން ވަނީ ކަނޑައަޅާފަ އެވެ.

ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލް ކުރާ ގޮތަށްވެސް މިހާރު ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން މަޖިލީހުގައި ހިމެނޭ ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ އަދަދު 18 އަށް އިތުރުވެ ޕީއެންސީ ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ބަދަލުވެފަ އެވެ.

މަޖިލީހުގައި މިހާރު ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އަދަދު 42 މެންބަރުންނަށް މަދުވެފައިވާއިރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން މަޖިލީހުގައި އެބައިތިއްބެވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ