ގޭގައި ހުރެގެން މެމޯ ހެދުމުގެ ޚިދުމަތާއެކު، އައިޖީއެމްއެޗްގައި އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.
މި ކްލިނިކް ހުޅުވާފައިވަނީ އިސްރަށްވެހީންނަށް ޚާއްސަ ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހަމަޖެހުމުން ގޭގައި ތިބެގެން މެމޯ ހެދުމުގެ އިންތިޒާމާއެކު އެވެ.
މި ހިދުމަތް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ އިސްރަށްވެހީންނަށް ޚާއްސަކޮށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކްލިނިކަކާއި ގޭގައި ތިބެގެން މެމޯ ހެއްދޭނެ މަގުފަހިވެގެން ދިއުމަކީ ޒަމާންތަކެއް ވަންދެން އެފަރާތްތަކުން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ.
މި ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން އެކަމާ ގުޅޭގޮތުން އަވަށްޓެރި އެހެން ޤައުމުތަކާއި ވާހަކަދައްކަމުން އަންނަ ކަމަށް ހަލީލު ވިދާޅުވި އެވެ.
މީގެ އިތުރުން މި ސަރުކާރަށް ދެ މަސްވާއިރު ސިއްހީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުން ވިލިމާލެއާއި މާލެއާ ދެމެދު ސީ-އެމްބިއުލާންސްގެ ޚިދުމަތް ފެށުމާއި ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ފާހަގަކުރައްވައިފައެވެ.
އިސްރަށްވެހީންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ ކަމެކެވެ.