ހަނިމާދޫގައި ވާޓިކަލް ފާމިން ޓެސްޓުކުރަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ރާއްޖޭގައި ވާޓިކަލް ފާމިންގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށް ޓަކައި ޕައިލޮޓް މަޝްރޫއެއް ކުރިއަށްގެންދިޔުމަށް، އެގްރިކަލްޗާ މިނިސްޓްރީން އަމިއްލަ ކުންފުންޏެއް ކަމަށްވާ ވީސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެކު އަންގާރަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް އެކްޒެކެޓިވް ފާތިމަތު ޝާޢިއާއެވެ. ވީސީ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާޢިލް ރަޝީދެވެ.

އިޝްތިހާރު
އިޝްތިހާރު

އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖެ ފަދަ ބިން ކުޑަ ގައުމެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރެވޭނެ ޒަމާނީ ވަސީލަތްތައް ތައާރަފުކުރުމާއި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ފަށާ މަޝްރޫއެއް ކަމަށެވެ.

ހދ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ކުރިއަށްގެންދާ އެ މަޝްރޫއުގައި ތިން ވައްތަރެއްގެ ހައިޑްރޮޕޯނިކްސް ސެޓަޕް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން މިހާރުވެސް ދަނޑުވެރިންނަށް ތައާރަފުކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމު ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް އޭ ފްރޭމް ސްޓްރަކްޗާގައި ގަސް އިންދާ ނިޒާމު ގާއިމުކޮށް، ‘ޕައިންއެޕަލް ޓަވާ ސިސްޓަމް’އާއި ‘އޭރޯޕޯނިކްސް ޓަވާ ސިސްޓަމް’ތައް ވެސް ޓެސްޓުކުރާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

އެ ސިސްޓަމްތަކުން އެންމެ ފުރަތަމަ ޓެސްޓުކުރާނީ ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތައް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

އެ އެއްބަސްވުމުގެ ދަށުން، އަންގާރަ ދުވަހު ފެށިގެން 34 ހަތަރު ދުވަހުގެ ތެރޭގައި ސެޓަޕްތައް ހަދައި، ސިސްޓަމްތަކުގައި ގަސްތައް ރުވަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުން، ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ފާމިން ސިސްޓަމް ދެނެގަނެވޭނެ ކަމަށާއި އެ ސިސްޓަމްތައް ކުރިއަށް އޮތް ޕްރޮގްރާމްތަކުގައި ދަނޑުވެރިންނަށް ކިޔައިދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.

ވާޓިކަލް ފާމިން މަޝްރޫއެއް ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން، ދަނޑުވެރިކަމާ ގުޅޭ އެންމެ މުހިންމު މަޝްރޫއު ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ