ސީނިއާރ އިންޓަރ ހައުސް ފުޓަސަލް މުބާރާތް ފަށައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއާރ ފުޓްސަލް މުބާރާތް އިއްޔެ ހަވީރު ފަށައިފިއެވެ. އިއްޔެ ހަވީރު މި މުބާރާތުގެ 2 މެޗެއް ވަނީ ކުޅެފައެވެ.

މިގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ހައުސް އާއި ފާށަނާ ހައުސް އެވެ. މި މެޗު 1 ލަނޑު 1 ލަނޑުން ވަނީ އެއްވަރު ވެފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ފާށަނާ ހައުސްގެ އަހުމަދު އަސަދު ލަނޑެއް ޖަހައި ފާށަނާ ހައުސް އަށް ވަނީ ލީޑް ނަގައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގައި ހުރަވީ ހައުސް އެއްވަރު ކުރި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އެޓީމުގެ އަޙުމަދު ހޫދު އަބޫބަކުރެވެ. އޭގެ ފަހުން ވެސް 2 ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ލިބިގެން ގޮސްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާށަނާ ހައުސް އަށް ލަނޑު ކާމިޔާބުކޮށްދިން އަހުމަދު އަސަދު އަލީ އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ދޮށިމޭނާ ހައުސް އާއި ޣާޒީ ހައުސް އެވެ. މި މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޣާޒީ ހައުސް އެވެ. މެޗުގެ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައި ޣާޒީ ހައުސްގެ ޔައިޝް މުޙައްމަދު ނާޞިރު ލަނޑު ޖަހައި ޣާޒީ ހައުސް އަށް ކުރި ހޯދައިދިނެވެ.

ނަމަވެސް 2 ވަނަ ހާފްގައި ދޮށިމޭނާ ހައުސް ކުޅުން ރަނގަޅު، 27 ވަނަ މިނެޓުގައި އެ ޓީމުގެ ނާއިލް ޔޫސުފް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި ޣާޒީ ހައުސްގެ ޔައިޝް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ޣާޒީ ކޮޅަށް އަނބުރާލިއެވެ. މި މެޗުގައި ޣާޒީ ހައުސްގެ ތިންވަނަ ލަނޑު އަދި ޔައިޝްގެ ހެޓްރިކް ފުރިހަމަ ކުރި ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބުކޮށް ނަތީޖާގެ ފަރަޤު ބޮޑު ކުރިއެވެ. މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ޣާޒީ ހައުސްއަށް ހެޓްރިކް ހަދައިދިން ޔައިޝް މުޙައްމަދު ނާޞިރު އެވެ.

މި މުބާރާތުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ފުރަތަމަ މެޗުގައި 16:00 ގައި ބައްދަލު ކުރާނީ ފާށަނާ ހައުސް އާއި ޣާޒީ ހައުސް އެވެ. އަދި އެދުހުގެ 2 ވަނަ މެޗުގައި 17:00 ގައި ބައްދަލުކުރާނީ ހުރަވީ ހައުސް އާއި ދޮށިމޭނާ ހައުސް އެވެ. މި މުބާރާތުގެ މެޗުތައް ކުޅެމުން ދަނީ ހަނިމާދޫ ބޯޅަ ދަނޑުގެ ވިނަ ޓާރފް ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ