އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

ޚަބަރު ފަހުގެ

އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ މައިދާނަށް އަންހެނުން ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު އަންހެނުންނަށް ހާއްސަކޮށް ދޫކުރަން ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.

އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުމަށް “ހިޔަލަ ވީކެންޑް މާކެޓް” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެމީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތެއްގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަން ރޭ ހާސިލުވުމަކީ އަންހެން ވިޔަފާރިވެރިންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުފާވެރި އަބުރުވެރި ދިރިއުޅުމަކަށް ފުއްދުންތެރިކަމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށާއި ބައިނަލްއަގްވާމީ ރިސާޗުތަކުން ވެސް ދައްކަނީ އާއިލާއެއްގައި ހުންނަ އަންހެނަކީ ފުއްދުންތެރި މީހަކަށް ވުމުން އެކަމުގެ އުފާވެރިކަން މުޅި އާއިލާއަށް ކުރާ ކަމަށެވެ.

އެހެންވެ އަންހެނުން ބާރުވެރިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވަނީ އެ ފުރުސަތުތަކުގެ ބޭނުން ވީހާ ވެސް ގިނަ އަންހެނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.

ހިޔަލަ މާކެޓް ކުރިއަށް ދާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރު ޕާކު ސަރަހައްދުގަ އެވެ. މި މޭކެޓް ކޮންމެ ހަފްތާ ބަންދެއްގައި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށް ދާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ