މަޖިލިސް އިންތިހާބަށް އޮފިޝަލުން ހޯދަނީ

ޚަބަރު ފަހުގެ

މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޮފިޝަލުންނަށްވާން އެޕްލައިކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 18-65 އަހަރާއި ދެމެދުގެ މީހަކަށްވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުން އަންނަ މީހަކަށް ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުމާއި އޮފިޝަލެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން އަދި ސްކޫލް ދަރިވަރަކަށް ނުވުން ވެސް ހިމެނެ އެވެ.

އީސީން ބުނީ ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 2،650ރ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 2،350ރ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 2،250ރ. އަދި ރިޒާވް އޮފިޝަލަކަށް 1،000ރ ލިބޭނެ ކަމަށެވެ.

އުޖޫރައިގެ އިތުރުން އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ދިމާވާތީ 500ރ. ގެ އެލަވަންސެއް ވޯޓުލާމަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ލިބޭނެ އެވެ. އަދި ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭ ނަމަ ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާ އެކީ ޖަމާކޮށް ދޭނެ އެވެ. އެއީ ރޯދަވީއްލުމަށް 250ރ. އަދި ތަރާވީސް ދަމަށް 100ރ. އެވެ.

އީސީން ބުނީ އޮފިޝަލުންނަށް ވާން ކުރިމަތިލާ މީހުންނަށް ޙާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ކަމަށާއި އެ ތަމްރީނު ފުރިހަމަނު ކުރާ ފަރާތްތަކުން އޮފިޝަލަކަށް ނުވެވޭނެ ކަމަށެވެ.

ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ އަންނަ މަހުގެ 24 އާއި މާޗް 10 އާ ދެމެދުގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ