މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ލިބޭނެ: ރައީސުލްޖުމްހޫރިއްޔާ

ފަހުގެ ސިޔާސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެކަމަށް ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ސުޕަ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މަދުވެގެން 62 ގޮނޑި އެ ކޯލިޝަނުން ކާމިޔާނު ކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގައި މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ދެމެހެއްޓޭނެ ކަމަށެވެ.

“އަޅުގަނޑު އުއްމީދުކުރަނީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާ އެއްގޮތަށް އެކަންތައް ކޮށްދެވޭނެކަމަށް. ކޮށްދީ ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް ދެމެހެއްޓޭނެކަމަށް. އަޅުގަނޑުމެންގެ ހިތުގައި އޮތީ އިހުލާސްތެރިކަން، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި. ހެޔޮނިޔަތާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުން. އެހެންވެ އެކަންކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް ގަބޫލުކުރަނީ. އެހެންވީމަ މި ދެންނެވީ އިރާދަކުރެއްވިއްޔާ މަދުވެގެން 62 ގޮނޑި އަޅުގަނޑުމެން ނަގާނަން،” ރައީސް ވިދާޅުވިއެވެ.

ޕްރައިމަރީގެ ކަންކަން އަމާންކަމާއެކު ކުރިއަށްދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެން އިންތިޚާބުތަކާ އެއްގޮތަށް މި އިންތިޚާބުގައިވެސް މެންބަރުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އިންތިޚާބާ ގުޅޭގޮތުން ޝަކުވާއެއް އޮތްކަމަށްވާނަމަ އެ ޝަކުވާއެއް ހުށަހެޅުމުން ދެފުށް ފެންނަގޮތަށް އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ޕްރައިމަރީތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނާކާމިޔާބުވާ ކެންޑިޑޭޓުން އަމިއްލައަށް އިންތިޚާބުގައި ވާދަކުރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިފަހަރު އެ މަންޒަރު ނުފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން، ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓުންނާ ގުޅިގެން އެހެން ކެންޑިޑޭޓުން މަސައްކަތް ކުރުމަށް އިގުރާރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ތެރޭގައި އެ މެޗުއަރިޓީ ތަސައްރަފު ފުދުން އަންނަން ޖެހޭ. ޕްރައިމަރީގައި ވާދަކޮށްގެން މޮޅުވާނީ އެކަކު. ބަލިވާ އެންމެން ވާނެ އެކަތިގަނޑަކަށްވާން. އަޅުގަނޑުމެން ވާނީ އިގުރާރުވެފައި ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭތުންނާއެކު މަސައްކަތް ކުރަން،” ރައީސް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން 75 ދާއިރާއެއްގެ ޕްރައިމަރީ ކުރިއަށްގެންދިޔައިރު 283 ކެންޑިޑޭޓުން ވަނީ މި ޕްރައިމަރީގައި ވާދަކޮށްފައެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހަކަށް ލިބިފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ