ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ކުރިމަތިލާ މީހުންނަށް، އިލެކްޝަންސް ކޮމިޝަނުން، އެ ފުރުސަތު ހުޅުވާލައި، އެކަން ޢާންމުކޮށް އިޢުލާން ކޮށްފިއެވެ.

އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، 2024 ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓުގައި ކަނޑައަޅާފައިވާ 93 (ނުވަދިހަ ތިނެއް) ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު9:00ން މެންދުރުފަހު2:00ށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ހުކުރު ދުވަހު އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ މެންދުރުފަހު2:00ން ހަވީރު4:00އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށާއި، ނަގުދު ފައިސާ ބަލައި ނުގަންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ 2024 މާރިޗް 17 ވާ އާދީއްތަ ދުވަހުއެވެ.

އެހެންނަމަވެސް، އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެމަތިންކަމަށް ކޮމިޝަނުގެ ނައިބްރައީސް އިސްމާއިލް ޙަބީބު ބުދަ ދުވަހު ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީޚު ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން ހިމެނެއެވެ.

އަދިއުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުމާއި، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމަކީވެސް ޝަރުތެކެވެ.

ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްބުގައި ބައިވެރި ނުވެވޭނެ މީހުންވެސް އީސީން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހުންނާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހުން އޭގެ ތެރޭގައި ހިމެނެއެވެ.

އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހުންނަށްވެސް ވާދައެއް ނުކުރެވެއެވެ. ހަމައެއާއެކު ފަނޑިޔާރުންނަށްވެސް ވާދައެއް ނުކުރެއްވޭނެއެވެ.

ކޮމިޝަނުން އިތުރަށް ބުނީ، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން، އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެ ކަމަށެވެ. ކޮމިޝަނުން ވަނީ އެ މާއްދާގައިވާގޮތުން، ރަސްމީ އިންތިޚާބީ އޭޖެންޓްގެ ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭކަމަށް ބަޔާންކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ