ގިނަ ހިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލް އިމާރާތެއް ހއ. ދިއްދޫގައި އަޅައި، ސިއްހީ ހިދުމަތް ރަނގަޅުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ހެނދުނު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި މި ހޮސްޕިޓަލް އިމާރަތް ވެގެންދާނީ ރައްޔިތުން އެދޭފަދަ އަދި މުޅި އަތޮޅަށްވެސް އޭގެ ފައިދާ ލިބިގެންދާނެ ތަނެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު އޮތް އެމްބިއުލަންސްގެ އިތުރުން އެމްބިއުލަންސެއް ހޯދައިދިނުމާއި މިހާރު ހުރި ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރައްވާނެކަމަށް ފާހަގަކުރެއްވާފައި ވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދިއްދޫ އެއާޕޯޓުގެ މަސައްކަތް ވައުދުވެޑައިގެންފައިވާ ގޮތަށް ކުރިއަށްދާނެކަމަށާއި އަދި އެމަސައްކަތް ކުރިއަށް ދާނީ ބިން ހިއްކުމުގެ އިތުރު މަޝްރޫއުއާއި އެކުކަމަށެވެ. ހަމައެހެންމެ، އެ ރަށުގެ މުސްތަގުބަލަށް ގެދޮރުވެރިކަން ކުރިއަށްގެންދާނެކަމަށާއި އަދި އެ މަޝްރޫއަކީ އެންމެ އިސްކަންދޭނެ އެއް މަޝްރޫއަށްވާނެކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާކަމަކަށް އިސްކަން ދެއްވާނެކަމުގެ ޔަގީންކަން އެ ރަށުގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފަ އެވެ.