އާދީއްތަ ދުވަހާ އިންތިހާބު ދިމާވާތީ ސަރުކާރު ބަންދުކޮށްދޭން އެދެނީ

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސް، އާދީއްތަ ދުވަހަކާ ދިމާވާތީ އެއީ ރަސްމީ ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ން ސަރުކާރުގައި އެދެން ނިންމައިފި އެވެ.

ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އާއްމު އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާއެކު ކުރިން މި މަހުގެ 17 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު މިހާރު ވަނީ ފަސްކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އީސީން މިހާރު ނިންމާފައިވާ ގޮތުން މަޖިލީސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ވާ އާދިއްތަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ. އާންމު ގޮތެއްގައި ރާއްޖޭގައި އިންތިހާބުތައް ބާއްވާނީ ހޮނިހިރު ދުވަހުއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުން މިއަދު ރައީސް އޮފީހަށް ސިޓީ ފޮނުވާނެ ކަމަށެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައިވާ ގޮތުންނަމަ މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެން އިންތިހާބު ލަސްކޮށްފިނަމަ މިހާރުގެ މަޖިލިސް އުވޭއިރަށް އާ މަޖިލިސް އިންތިހާބު ނުކުރެވި ގާނޫނީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.

އިންތިހާބު އޮންނަ ދުވަހަކީ އާދިއްތަ ދުވަހަކަށްވާތީވެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ކުރީގެ ރައީސް އަދި އެ ޕާޓީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތުކުރައްވާ ގޮތުގައި އާދިއްތަ ދުވަހު އިންތިހާބު ބާއްވަނީ އީސީއަށް، ރައީސް މުއިއްޒު ނުފޫޒު ފޯރުވައިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ