މެމްބަރުންގެ އަދަދު މަދުކުރަން ޤާނޫނުއަސާސީއަށް އިސްލާހެއް ހުށައަޅައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ އާންމު މެމްބަރުންގެ އަދަދު މަދުކުރަން ޤާނޫނުއަސާސީއަށް އިސްލާހެއް ހުށައަޅައިފިއެވެ.

މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށައެޅުއްވި މި އިސްލާހުގައި ވަނީ، 21 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މެންބަރުންގެ އަދަދު ކަނޑައަޅާނެ އުސޫލު ބަޔާންކޮށްފައެވެ. އެގޮތުން ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ނ) އެއް އިތުރުކުރަން ހުށަހަޅާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އިސްލާހުގައި ބުނެފައިވަނީ، އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 6،000 މީހުންނާއި 12،000 މީހުންނަށް އެއް މެންބަރު، އާބާދީ 12،000 މީހުންނާއި 18،000 މީހުންނަށް ދެ މެންބަރުން، އަދި އާބާދީ 18،000 މީހުންނާއި 24،000 މީހުންނަށް ތިން މެންބަރުން، 24،000 މީހުންނާއި 36،000 މީހުންނަށް ހަތަރު މެންބަރުންގެ އިތުރުން އާބާދީ 36،000 އަށްވުރެ ބޮޑުނަމަ ފަސް މެންބަރުން އިންތިހާބުކުރަން ވާނެކަމަށެވެ.

އާޒިމް ވަނީ، ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް ރ. އަދި ބ. އިތުރުކުރަން ހުށައަޅުއްވާފައެވެ. މި އަކުރުގައި ބުނެފައިވަނީ، ޕާޓީތަކުން ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާއެއް އަންހެނުންނަށް ހާއްސަކުރަންވާނެކަމަށާއި، އެކަން ކަށަވަރުކުރަން ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ތަފުސީލު ބަޔާންކުރަންވާނެކަމަށެވެ.

އިސްލާހުގައިވާގޮތުން އިސްލާހު ފާސްވެ، ތަސްދީގުކުރުމާ އެކު އަމަލުކުރަން ފެށި ނަމަވެސް އިސްލާހާއި އެއްގޮތަށް މެންބަރުން އިންތިހާބުކުރާނީ މަޖިލީހުގެ މި ހިނގާ ދައުރަށް ފަހު ދެވަނައަށް އިންތިހާބުކުރާ މަޖިލީހުން ފެށިިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ