“ސީ-ޓު-އެއަރ” ކާގޯ ޚިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި

ޚަބަރު ފަހުގެ

ރާއްޖޭގައި މުޅިން އަލަށް ފެށި “ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް” ޚިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފިއެވެ.

މިއީ އެއް ޤައުމުން އަނެއް ޤައުމަށް ގެންދާ މުދާ ކަނޑުމަގުން ރާއްޖެ ގެނެސް، ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ޚިދުމަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޚިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ސްޓޭޓް ޝިޕިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާ ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ. އެގޮތުން އެންމެ ފުރަތަމަ މި ޚިދުމަތް ފަށާފައި މިވަނީ ޓަރކިޝް އެއަރލައިންއިންނެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ޓަރކިޝް އެއަރލައިނާއެކު ސޮއިކުރީ މަރޗްމަހުގެ 28ވަނަ ދުވަހުއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި “ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް” ޚިދުމަތް މިވަނީ ދޭން ފަށާފައެވެ.

މިއީ ރާއްޖެ މެދުވެރިކޮށް އެއްގައުމުން އަނެއް ޤަައުމަށް މުދާ ގެންދިއުމަށް ހޯދާ ޚިދުމަތެކެވެ. އެގޮތުން ކަނޑުމަގުން ރާއްޖެއަށް އެ މުދަލެ އެތެރެކޮށް، އެއަށްފަހު ވައިގެމަގުން ކަނޑައެޅިފައިވާ މަންޒިލަށް މުދާ ފޮނުވުމަށް ދޭ ޚިދުމަތެކެވެ.

ޓަރކިޝް އެއަރލައިންއިން ސީ-ޓު-އެއަރ ޚިދުމަތް ހޯދަމުން އައީ ލަންކާ މަގުންނެވެ. ނަމަވެސް މުދާ އުފުލުމަށް އޮތް ޑިމާންޑަށް ބާލާއިރު، ލަންކާއަށް ކޭޓަރ ނުކުރެވޭކަމަށް އެ އެއަރލައިން ބުނެއެވެ. މިއީ މި ޚިދުމަތް ހޯދުމަށް އިތުރު ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޚިޔާރު ކުރި ސަބަބުކަމަށް، ރާއްޖެއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއަރލައިނުން ބުނެފައިވެއެވެ.

މި ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ކަނޑުމަގުން މުދާ އުފުލުމަށް ހޭދަކުރާ ވަގުތު ކުޑަކޮށް، އަވަހަށް ޚިދުމަތް ހޯދުމެވެ.
އެގޮތުން އަލަށް ފަށާ މި ޚިދުމަތް ވެގެންދާނީ އެމްޕީއެލްގެ އާމްދަނީ އިތުރުވުމުގެ އިތުރުން، މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ހެޔޮ ބަދަލުތަކެއް ގެނުވާނެ ޚިދުމަތަކަށްކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ޚިދުމަތާއެކު ރާއްޖޭގައި ކަރގޯގެ ޚިދުމަތް ފުޅާވެ އިޤްތިޞަދު ސިންދަފާތުކުރުމަށްވެސް އެހީއަކަށްވެގެންދެއެވެ. އަދި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެންދާނެކަން އެމް.ޕީ.އެލްއިން ފާހަގަކުރެއެވެ.

ކުރިމަގުގައި މި ޚިދުމަތަށް އިތުރު އެއަރލައިންތައް އިތުރުކުރުމަށްވެސް އެމްޕީއެލްއިން މަސައްކަތްކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ