އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ނިންމަން މާލެ ސިޓީ ކައުންސިލުން 2.7 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ސިޓީ ކައުންސިލުގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ. ކޮންޓްރެކްޓަރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ޑިރެކްޓަރު، މުޙައްމަދު އައިމަންއެވެ.
އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މާލޭގައި ނިޔާވާ މީހުން ވަޅުލުމަށް އާންމުކޮށް ބޭނުންކުރާ އާސަހަރާ މަރާމާތުކުރުމަށް ބަންދު ކުރީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. އާސަހަރާ ބަންދުކުރުމާއެކު މައްޔިތުން ހިނަވާ ވަޅުލުމުގެ ކަންކަން ބަދަލުކުރީ ހުޅުމާލެ ސަހަރާއަށެވެ. އާސަހަރާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މަސައްކަތް ނުނިމި ދިދުލައިގެން ދިއުމުގެ ސަބަބުން އެ އެއްބަސްވުން ބާތިލުކުރުމަށްފަހު މިދިޔަ ޑިސެމްބަރުމަހު އެ މަސައްކަތް ބީސިކްސް އިވެންސްޓްމަންޓް ކިޔާ ކުންފުންޏަކަށް 4.6 މިލިއަން ރުފިޔާއަށް ވަނީ ޙަވާލުކޮށްފައެވެ. އާސަހަރާގެ މަސައްކަތް މިހާރު ގޮސް އޮތް ހިސާބަށް ބަލާއިރު ކޮންސްޓްރަކްޝަންގެ ބޮޑު ބައެއް ވަނީ ނިންމާލާފައެވެ.
އާސަހަރާއަށް ޒަމާންތަކަކަށްފަހު ބޮޑެތި ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާއިރު، މިތަން ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ނިންމަވާފައިވަނީ އަންހެންނާއި، ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެންނަށް ޚާއްސަ ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއަކާއި އެކުގައެވެ.
އާސަހަރާއަކީ މާލޭގައި މަރުވާ މީހުން ވަޅުލަން މާލޭގެ ހަތަރު އަވަށުގައި ބޭނުން ކުރި ޤަބުރުސްތާނުތައް ފުރި އެތަން ބޭނުން ނުކުރެވޭ ޙާލަތައް ދިޔުމުން މާލޭގައި މީހުން ވަޅުލުމަށް ޤާއިމުކުރި ތަނެކެވެ. އާސަހަރާ ތަރައްޤީކުރިއިރު ކަށުކަމާ ކެމީގެ އެންމެހާ ކަންކަން ކުރެވޭނެ އިންތިޒާމު ޤާއިމްކުރިއެވެ. އަދި އެ ތަނުގައި މަސްޖިދުލް ތަޢާވުންގެ ނަމުގައި މިސްކިތެއް ބިނާކުރިއެވެ.