ވަގުތީ ގޮތުން ބަންދުކޮށްފައި އޮތް ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފިކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން މިއަދު ހާމަކުރައްވައިފިއެވެ.
“މިދަނޑިވަޅުގައި ފަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާކަމެއް އާރު.އޭ.ސީ.އެލް އިން އަބަދުވެސް ކަށަވަރު ކުރާނެކަން އަޅުގަނޑު ޔަގީންކޮށް އަރުވަން.” މުބީން ވިދާޅުވެފަވެއެވެ.
އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނު ސަބަބާ ގުޅޭގޮތުން އެމްޑީ މުބީން ވިދާޅުވީ، އާރްއޭސީ ހަވާލުވިއިރުވެސް ކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ އެއާޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއް ކަމަށެވެ. ނަމަވެސް، މި ޓްރަކްތައް ހޯދުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށާއި، އެމް.އޭ.ސީ.އެލް އާއި އަދި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން މި މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިއީ ކުރީގެ ސަރުކާރުތަކުން މި އެއާޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ. އެތައްދުވަހެއް ވީއިރުވެސް އެއާޕޯރޓްތަކުގައި ހުރި ބައު ފަޔަރ ޓްރަކުތައް ވަނީ އާނުކުރެވި. އަޅުގަނޑުމެން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނަން،” މުބީން ވިދާޅުވިއެވެ.
އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދިވަޑައިގަންނަވަމުން، އަހްމަދު މުބީން ވިދާޅުވީ، މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ފުނަދޫ، އެއާޕޯޓްގެ މަަަސަައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. ފުނަދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވީ 2020 ގަ އެވެ.