އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެދިވަޑައިގަންނަވާނަމަ އޭނާއާ ބައްދަލު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރީ ތައްޔާރަށް ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މިކަން މިހާމަކުރީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމަށް އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ.
މާރކޯ ރޫބިއޯ ބުނީ، އެއްބަސްވުމެއް ހެދުމަށް ވާހަކަތައް ދެކެވެމުންދާ ކަމަށާއި، އެފަދަ އެއްބަސްވުމަކާ ހަމައަށް ދެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ ކުރިއަށް ރޭވިފައި ހުރި ވާހަކަތަކުން ނުކުންނަ ނަތީޖާއަކުން ކަމަށެވެ.
އެހެން ނަމަވެސް، މި ވާހަކަތަކުގެ ބޭރުން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ރައީސް ޓްރަމްޕާ ބައްދަލު ކުރައްވަން އެދިވަޑައިގަންނަވާ ނަމަ ޓްރަމްޕް ހުރީ އެކަމަށް ތައްޔާރަށް ކަމަށް ރޫބިއޯ ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މީގެކުރިންވެސް މިފަދަ ލީޑަރުންނާ ބައްދަލުކުރަން މަސައްކަތް ކޮށްފައިވާ ލީޑަރެކެވެ. ކުރިން ވެރިކަން ކުރި ދައުރުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާވެސް ބައްދަލު ކުރިއެވެ.
އޭރު މީހުން ބުނެފައިވަނީ އެއީ ދުނިޔޭގެ ސަމާލުކަން ހޯދަން ޓްރަމްޕް ކުރި ކަމެއް ކަމަށެވެ. ޓްރަމްޕާއި ކިމް ބައްދަލު ކުރި ނަމަވެސް، އުތުރު ކޮރެއާ- ދެކުނު ކޮރެއާގެ މަސްރަހް އަދި އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމްވެސް ނުހުއްޓުވުނެވެ.
އުތުރު ކޮރެއާގެ ފަރާތުން ސަރަހައްދަށް އޮތް ކަމަށް ބުނާ ނުރައްކާވެސް ކުޑައެއް ނުވިއެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލު ކުރަން އެމެރިކާގެ ރައީސް ޓްރަމްޕް އުޅެނީވެސް ދުނިޔޭގެ ސަމާލަން ހޯދުމަށް ކަމަށް ބެލެވިފައި ވެއެވެ.
އެކަމަކު، އާޔަތުﷲ އަލީ ޚާމަނާއީ ޓްރަމްޕާ ދުވަހަކުވެސް ބައްދަލު ނުކުރާނެ ކަމަށް، އެކިއެކި ވަސީލަތްތަކުން ބުނަމުން ގެންދެއެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިހާތަނަށް ބައްދަލު ކުރައްވާފައިވަނީ ދުނިޔޭގެ ވަރަށް މަދު ލީޑަރުންނާއެވެ.
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި ބައްދަލު ކުރައްވައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައިވަނީ، ޓްރަމްޕްގެ އެއްވެސް މެސެޖެއްވެސް އޭނާއާ ހަމައަށް ގެނައުމަށް އެދިވަޑައި ނުގަންނަވާ ކަމަށެވެ. ޓްރަމްޕަކީ އެފަދަ މުއާމަލާތެއް ކުރަންވެސް ލާއިގް މީހެއް ނޫން ކަމަށެވެ.
އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބުގެ ފަހުން އެމެރިކާއާއި އީރާނާ ދެމެދު ގުޅުމެއް ނޯވެއެވެ. އެމެރިކާއިން ދެކެނީ އީރާނަކީ އެމެރިކާގެ ދުޝްމަނެއް ކަމަށެވެ.
އެހެންވެ، މިއަދާ ހަމައަށްވެސް އެމެރިކާއިން މަސައްކަތް ކުރަމުން ގޮސްފައިވަނީ، އީރާނަށް ހުރިހާ ގޮތަކުން ދަތިކޮށް، ނިކަމެތިކޮށް އީރާނު ދުނިޔެއިން އެކަހެރި ކުރުމަށެވެ.
އެމެރިކާގެ މަސައްކަތް ކާމިޔާބު ނުވުމުން ދެން ދިމާކުރަނީ އީރާނަށް އަސްކަރީ ހަމަލާދީގެން އީރާނު ކުޑަކަކޫމައްޗަށް ތިރިކުރުމަށެވެ.



