އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ މިއަދަށް 36 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި އުދުވާނީ ހަމަލާތަކާއެކު، އީރާނުން ގެންދަނީ އަމިއްލަ ދިފާއުގައި ދުޝްމަނުންގެ ހުރިހާ ތަންތަނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.
އީރާނުން ކުރިންވެސް ވައުދުވި ގޮތަށް، އެންމެ ވަރުގަދަ އަދި އެންމެ ގެއްލުންބޮޑު ހަމަލާތަކެއް ދެމުންގެންދަނީ އިސްރާއީލުގެ ރަށްތަކަށެވެ. އީރާނުގެ ހަމަލާތައް އަމާޒުނުވާ އިސްރާއީލުގެ އެންމެ ސިޓީއެއްވެސް މިހާރު ނެތެވެ. އީރާނުން އެންމެ ބޮޑުވަރު ކުރަމުންގެންދަނީ އިސްރާއީލުގެ ތެލް އަވީވަށެވެ. ސަބަބަކީ، އިސްރާއީލުގެ އަސްކަރީ، ޖާސޫސީ، ސިޔާސީ ހަރަކާތްތަކުގެ މައި ރަށަކީ ތެލް އަވީވް ކަމަށްވާތީއެވެ.
އީރާނުން ދެމުންގެންދާ ބެލިސްޓިކް މިސައިލާއި، ޑްރޯން ހަމަލާތަކުގައި ތެލް އަވީވް ގާތްގަނޑަކަށް މިހާރުވަނީ ސުންނާފަތި ވެފައެވެ. ސަލާމަތުން ހުރީ މަދު ތަންތަނެއްކަން އާންމުވަމުންދާ ވީޑިއޯތަކާއި، ފޮޓޯތަކުން ހާމަވެއެވެ.
ތެލް އަވީވްގެ އިތުރުން، އިސްރާއީލުގެ ސިނާއީ ބޮޑެތި މަސައްކަތްތައް ކުރިއަށްގެންދާ ހައިފާއާއި، އަސްކަރީ ގިނަ ކާރުޚާނާތައް ހުންނަ އީލާތުގެ އިތުރުން، ހިފާފައިވާ ގުދުސްއާއި، ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ހަދާފައިވާ އަސްކަރީ ބޭސްތަކާއި، އަސްކަރިއްޔާއާ ގުޅުންހުރި އެތައް ތަނަކަށްވެސް އީރާނުން ވަނީ ވަރުގަދަ ހަމަލާތަކެއްދީ ހަލާކު ކޮށްލާފައެވެ.
ހަނގުރާމައިގައި ލިބޭ ގެއްލުންތަކާއި، މަރުވާ އަދި ޒަޚަމްވާ ސިފައިންނާއި އާންމުންގެ އަދަދުތައް އިސްރާއީލުން ވަރަށް ބޮޑަށް ސިއްރު ކުރަމުން ގެންދާއިރު، މިހާތަނަށް ބުނެފައިވަނީ އީރާނުގެ ހަމަލާތަކުގައި މަރުވީ ތިރީހަކަށް މީހުން ކަމަށެވެ. ޒަޚަމްވި ކަމަށް ބުނަނީ ތިންހާހެއްހާ މީހުނެވެ.
އީރާނުގެ ރައްދު ހަމަލާތަކުގައި އިސްރާއީލުން މަރުވާ އަދި ޒަޚަމްވާ އާންމުންގެ އަދަދުތައް މަދުވާ ސަބަބަކީ، އިސްރާއީލު އެންމެން ބިންގަރާސްތަކަށްވަދެ ހިމާޔަތް ހޯދައިގެން ތިބުމުންނެވެ. އެމީހުން ބިންގަރާސްތަކުގައި އުޅޭތާ 36 ދުވަސްވީއެވެ.
އިސްރާއީލުގެ އާބާދީގައި ގާތްގަނޑަކަށް ދިހަވަރަކަށް މިލިއަން މީހުން ހިމެނޭއިރު، އޭގެތެރެއިން 73 އިންސައްތައަކީ ޔަހޫދީ ނަސްލުގެ މީހުންނެވެ. 21 އިންސައްތައަކީ އަރަބި ނަސްލުގެ މީހުންނެވެ. އެހެން ނަސްލުތަކުގެ މަދުބަޔަކުވެސް އިސްރާއީލުގެ ރަށްވެހީންގެ ގޮތުގައި އުޅެއެވެ.
އީރާނުން މުޅި އިސްރާއީލު ސުންނާފަތި ކުރާން ފެށުމުން، ދެން ސަލާމަތް ނުވެވޭނެކަން ގައިމުވުމުން އިސްރާއީލު އާބާދީގައި ހިމެނޭ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އިސްރާއީލު ދޫކޮށް ގޮސްފައިވާ ކަމަށް، އިސްރާއީލުގެ އެކިއެކި މީޑިއާ ވަސީލަތްތަކުން ކުރިން ރިޕޯޓްކޮށްފައި ވެއެވެ. އީރާނުން ހަމަލާދީ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓް މުޅީން ހަލާކު ނުކުރަނިސް ވައިގެމަގުން އެތައްހާސް ބަޔަކު ފުރައިގެން ދިޔައެވެ. އެއީ އިސްރާއީލުގައި އޮންނަ ހަމައެކަނި އިންޓަރނޭޝަނަލް އެއަރޕޯޓެވެ. އެ އެއަރޕޯޓް ބަންދުކުރުމުން، އެތައްހާސް ބަޔަކުވަނީ ކަނޑުމަގުންވެސް ފުރައިގެން ގޮސްފައެވެ. އަދި އެއްގަމުމަގުން މިސްރުގެ ތެރެއިންނާއި، އުރުދުން ތެރެއިންލާފައިވެސް އަދަދު ނޭނގޭ ވަރަށް މީހުން ފުރައިގެން ގޮސްފައި ވެއެވެ. އަދިވެސް އެތަކެއްހާސް ބަޔަކު އިސްރާއީލު ދޫކޮށްފައި ދެވޭތޯ ވެވުނު ގޮތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުގައި މިހާރު ދެމިތިބި މީހުންގެ ހާލަތު ވަރަށް ގޯހެވެ. މިއީ، މިހާ ގިނަދުވަހު ބިންގަރާސްތަކުގައި އެމީހުން ތިބޭން ޖެހުނު ފުރަތަމަ ފަހަރެވެ. ކުރިން ނުހަނު ތަނަވަސްކަމާއި، އުފަލާއި، މަޖަލާއި އަރާމުގައި މީރު ކާތަކެތި ކައިގެން އުޅުނު މީހުން ބިންގާސްތަކުގައި އުޅޭންޖެހުމުން އިޖުތިމާއީ، ސިއްހީ، ނަފްސާނީ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ބިންގަރާސްތަކުގައި ތޮއްޖެހިގެން ގިނަދުވަސްތަކެއް ވަންދެން އުޅޭންޖެހުމުގެ ސަބަބުން ބިންގަރާސްތައް މުޑުދާރުވެ ސާފުތާހިރުކަމުގެ މައްސަލަތާކާއި، ފާޚާނާ ކުރުމާއި، އެނޫންވެސް ކަންކަމާހެދި ބިންގަރާސްތަކުގައި ބަލިމަޑުކަންވެސް އަންމުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބިންގަރާސްތަކުގައި ހުރި ފާޚާނާތައް ބެދި، ވެންޓިލޭޝަންގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
އީރާނުގެ ހަމަލާތައް މަޑުޖެހިލާއިރަށް އެތަކެއް ބަޔަކު ބޭރަށް ނުކުތްނަމަވެސް، ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފެށުމާއެކު އަނެއްކާވެސް ދުވެފައިގޮސް ޖެހެނީ ބިންގަރާސްތަކަށް ވަންނާށެވެ. މިކަން ބޮޑުވެގެން، އިސްރާއީލުގެ ބައެއް މީހުން ބޯގޮވައި ދުނިޔެއިން މޮޔަވެ މަގުތަކުގައި އުޅޭ މަންޒަރުތަކުގެ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.
އިސްރާއީލު ސިފައިންނަށް އީރާނުގެ ހަމަލާތައް ނުހުއްޓުވި، މުޅި އިސްރާއީލު އަލުން ދިރި ނޫޅެވޭ ވަރަށް ސުންނާފަތި ކުރަމުންދާތީ، އިސްރާއީލުގައި މިހާރު ތިބި އެތަކެއްހާސް ބަޔަކު ވަނީ ސަރުކާރު ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ރުޅިއައިސްގެން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއްކޮށް، ސަލާމަތީ ބާރުތަކަށް ހަމަލާވެސް ދެމުން އެބަ ގެންދެއެވެ. ސަލާމަތީ ބާރުތަކުން ގެންދަނީ މުޒާހަރާ ކުރަމުންދާ އާންމުންގެ ގައިގައި ތަޅައި ރޯނާގަންނަވަމުންނެވެ.
އިސްރާއީލުގެ ބައެއް އާންމުން މިހާރު ގެންދަނީ ނަތަންޔާހޫއާއި، އޭނާގެ ސަރުކާރުގެ ވެރިން ފިލާތިބި ތަންތަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރައްޔިތުން ބިކަކޮށްފައި ވެރިން ފިލާފައިވުމުންނެވެ. އެމީހުން އަތުޖެހިއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް ކުރާނޭ ކަމަށް ބުނެއެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އިސްރާއީލުގެ އާންމުން ނަތަންޔާހޫގެ ސަރުކާރަށް ފުރިހަމަ ތާއީދު ދިނެވެ. އީރާނަށް ބޮންއަޅަން ފެށީމާ އެކަމާ އުފާފާޅުކޮށް ޕާޓީތައް ބާއްވައި ރާބޮއި، ނަށައި ލަވަކިޔައި ހަދާފައި ވެއެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމުން، ނަތަންޔާހޫގެ ކެބިނެޓު މެމްބަރުންނާއި، އަސްކަރިއްޔާގެ ވެރިންނާއި، އިދިކޮޅު ލީޑަރުންނާއި އާންމުންވެސް އެކަމާ އުފާކޮށް، އިސްރާއީލު ސިފައިންނަށް ތައުރީފްކޮށް ވާހަކަ ދައްކާފައި ވެއެވެ.
ނަމަވެސް، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުން ފިޔަވައި، އިސްރާއީލު އާންމުން އުންމީދުކުރި އެއްވެސް ކަމެއް، އިސްރާއީލު ސިފައިންނަށް އީރާނުގައި އަދި މިހާތަނަށް ހާސިލް ކުރެވިފައެއް ނުވެއެވެ. ރައްދުގައި ފެނުނީ މާ ބާރުގަދަ އީރާނެކެވެ. މުޅި އިސްރާއީލު ސުންނާފަތިކުރަން ފެށިތަނެވެ. އީރާނުގެ ބެލިސްޓިކް މިސައިލްތަކާއި، ޑްރޯންތައް ހުއްޓުވަން ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ އަގުބޮޑު އެންމެ މޮޅު އެއަރ ޑިފެންސް ސިސްޓަމްވެސް ފެއިލްވާންފެށި ތަނެވެ. އިސްރާއީލު މީހުންނަށް ފެނުނީ، އީރާނު ހުއްޓުވަން އިސްރާއީލާއި އަދި ދުނިޔޭގެ އެންމެ މޮޅުކަމަށް އެމީހުން ގަބޫލުކުރާ އެމެރިކާވެސް ނުކުޅެދިފައިވާ ތަނެވެ.
އީރާނުގެ މައްޗަށް އިސްރާއީލަށާއި އަދި އެމެރިކާއަށްވެސް ކުރި ނުހޯދޭނެކަން އެނގުމުން، ކުރިން ހަނގުރާމައަށް ވަރަށް ބޮޑަށް ތާއީދުކުރި އިސްރާއީލު އާންމުން މިހާރު ހޯހޯ ގޮވަން ފަށައިފިއެވެ. ރޮއި ހޭރެން ފަށައިފިއެވެ. އެއްބަޔަކު މިހާރު ގެންދަނީ ނަތަންޔަހޫ ވީތަނެއް ހޯދަމުންނެވެ. އެމީހުން ނަތަންޔާހޫ ހޯދާ އެއް ސަބަބަކީ، އީރާނާ ވާހަކަ ދައްކައިގެން ހަމަލާތައް މެދުކަނޑާލައި، އެމީހުން އިސްރާއީލު ދޫކޮށް ދާން ވަގުތު ހޯދައިދިނުމަށެވެ. އިސްރާއީލުގައި ތިބޭކަށް އެމީހުން މިހާރު ބޭނުމެއް ނުވެއެވެ. އަދި އިސްރާއީލުގައި ދެން މުސްތަގްބަލެއް އޮތް ކަމަކަށްވެސް އިސްރާއީލު ގިނަމީހުން މިހާރު ގަބޫލު ނުކުރާ ކަމަށް، އިސްރާއީލު ބައެއް މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައި ވެއެވެ. އިސްރާއީލުން ނުކުމެގެން ސަލާމަތުން ދެވުނު ގިނަ މީހުން ބުނަނީ ދެން ދުވަހަކުވެސް އެނބުރި ނުދާނޭ ކަމަށެވެ.
އިސްރާއީލު ބަޔަކު ނަތަންޔާހޫ ހޯދަން ނުކުތްއިރު، އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ އެމީހުންގެ ހަމަލާއެއްގައި ނަތަންޔާހޫ މަރާލެވިފައިވާ ކަމަށެވެ. ނަތަންޔާހޫ މަރުނުވާކަން ދުނިޔެއަށް ދައްކަން އިސްރާއީލުން މިހާތަނަށް ނެރުނު ހުރިހާ ވީޑިއޯތަކަކީވެސް ފޭކް، އޭއައި ވީޑިއޯތަކެއްކަން ވަނީ ހާމަވެފައެވެ.



