އީރާނުގެ ފަރާތުން ނުރައްކާތަކެއް އަތުވެދާނެ ކަމަށް ބެލެވިގެން އޭނާ އަދިވެސް ދިރިއުޅެމުންދަނީ އަސްކަރީ ބޭހެއްގައި ކަމަށް، އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެޓް ބުނެފިއެވެ.
އެމެރިކާގެ ޓީވީ ޗެނަލަކަށް މައުލޫމާތު ދެމުން ބެސެންޓް ބުނެފައިވަނީ، އީރާނުން އޭނާއަށް އިންޒާރު ދިނުމަކީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އީރާނަށް ކުރަމުންދާކަން ސާބިތުވާ ކަމެއް ކަމަށެވެ.
ބެސެންޓް ބުނީ، އީރާނުން އެމެރިކާއާ އެއްބަސްވުމެއް ހަދަން ތައްޔާރުވަންދެން އައިއާރުޖީސީ ފިއްތާލަމުން ގެންދާނޭ ކަމަށެވެ.
އިގްތިސާދީގޮތުން އައިއާރްޖީސީ ފިއްތާލަމުން ގެންދާނެ ވާހަކަ އެމެރިކާގެ މާލީ ވަޒީރު ބުނިއިރު، އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ސީދާ އީރާނުގެ ރައްޔިތުންނަށް އޭގެ ނިކަމެތިކަން ލިބެމުންދާ ފިޔަވަޅުތަކެކެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކުރަމުން ގެންދާއިރު، މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެއްގަމު މަގުންވެސް އީރާނު މުޅިން ބަންދުކޮށްލުމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ދާދިފަހުން ބުނެފައިވަނީ، އީރާނު މީހުން ވަރަށް އަވަހަށް ގައިމު “ކާނޭއެއްޗެއް” ހޯދަން ޖެހޭނޭ ކަމަށެވެ. މި ވާހަކަ، ތަޖުރިބާކާރުން ސިފަކުރީ އީރާނު ރައްޔިތުން ބަނޑަށްޖެއްސުމުގެ ޕްލޭނެއްގެ ގޮތުގައެވެ.
އެމެރިކާއިން ކިއުބާއަށްވެސް ޖައްސައިގެން އުޅެނީ މި ހާލެވެ. ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެތި ވަނީ ހަދާފައެވެ.
އީރާނުން ތަކުރާރުކޮށް އިންޒާރު ކޮށްފައިވަނީ އިގްތިސާދީގޮތުން އީރާނަށް ދަތިކުރަން އަޅާ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތް ކުރާނޭ ކަމަށެވެ. ރައްދު ފިޔަވަޅުތައްވެސް އަޅާނޭ ކަމަށެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް އަވަހާރަކޮށްލަން އީރާނުން އުޅޭ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތާ ގުޅިގެން އޭނާ ސިފައިންގެ ބޭހެއްގައި ހިމާޔަތް ހޯދައިގެން އުޅޭއިރު، އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތާއި، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯގެ ސަލާމަތީ ފިޔަވަޅުތައްވެސް ވަނީ ވަރުގަދަ ކޮށްފައެވެ. ބައެއް ރިޕޯޓްތައް ބުނަނީ އެމީހުންވެސް މިހާރު އުޅެނީ އަސްކަރީ ބޭސްތަކުގައި ކަމަށެވެ.
އަނެއްކޮޅުން، އެމެރިކާގެ ވެރިކަންކުރާ ވޮޝިންޓަން ޑީސީއަށް އީރާނުން ބޮމުގެ ހަމަލާތަކެއް ދޭން އުޅޭ ކަމަށާއި، މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދޭންއުޅޭ ހަމަލާއެއް ކަމަށް ބުނެ ޓްރަމްޕްގެ ސެކިއުރިޓީވެސް މިހާރުވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.


