އީރާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 20 ގަޑިއިރުގެ މުހުލަތުދީ، އަމާން ދިނުމަށް އަންގައި އިންޒާރު ދީފިއެވެ.
މި އިންޒާރު އައީ، އީރާނު ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްގެ އިސް މުޝީރެއްގެ ފަރާތުންނެވެ.
އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި މަހްދީ މުހައްމަދީ ވިދާޅުވީ، ޓްރަމްޕަށް ބާކީ އޮތީ ގާތްގަނޑަކަށް 20 ގަޑިއިރުގެ ވަގުތު ކަމަށާއި، އެ މުހުލަތުގެ ތެރޭގައި އަމާން ނުދީފިނަމަ، އީރާނުން ޓްރަމްޕްގެ ހުރިހާ ބައިވެރިން އަނބުރާ ހިލައިގެ ޒަމާނަށް ފޮނުވާލާނެ ކަމަށެވެ.
އީރާނު ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްގެ އިސް މުޝީރު މަހްދީ މުހައްމަދީއަކީ އީރާނުގެ ނޭޝަނަލް ސެކިއުރިޓީ އެނަލިސްޓެއްވެސް މެއެވެ.
ޓްރަމްޕްގެ “ބައިވެރިން” ކަމަށް އޭނާ މާނަކުރެއްވީ، އީރާނާ ދެކޮޅަށް އުދުވާނުތައް ހިންގުމުގައި އެމެރިކާއަށް ވާގިވެރިވާ ޒަޔަނިސްޓު ދައުލަތާއި، އެމެރިކާއަށް ވާގިވެރިވާ ގަލްފް ސަރަހައްދާއި އަދި މެދުއިރުމަތީގައި ގައުމުތަކެވެ.
އަދި އޭނާ ޓްރަމްޕަށް އިންޒާރު ދެއްވަން ބޭނުން ކުރައްވާފައި ވަނީވެސް ޓްރަމްޕް އީރާނަށް އިންޒާރު ދެއްވި ބަސްމަގެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން އީސްޓަން ޓައިމްސްއިން މިރޭ 8:00 އާ ހަމައަށް އީރާނަށް މުހުލަތު ދީފައެވެ. އެ ވަގުތާ ހަމައަށް ހޮރްމޫޒު ނުހުޅުވައިފިނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކާއި، ހުރިހާ ބްރިޖްތަކަށް ބޮންއަޅައި ބިމާހަމަކޮށް އީރާނު އަލުން ހިލައިގެ ޒަމާނަށް ގެންދާނޭކަމުގެ ނުރައްކާތެރި އިންޒާރު ޓްރަމްޕް ދީފައި ވެއެވެ.
ޓްރަމްޕް ރޭގައި ބުނެފައިވަނީ، އެމެރިކާއިން ބޭނުންވާނަމަ އެންމެ ރެއަކުންވެސް މުޅި އީރާނުގެ ދުވަސް ދުއްވާލެވިދާނެ ކަމަށާއި، އެ ރެއަކީ އަންގާރަ ދުވަހުގެ ރެއަށް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ޓްރަމްޕް ބުނީ، އެމެރިކާ ސިފައިން އީރާނުގެ އިންޖީނުގެތަކަށާއި، ބްރިޖްތަކަށް ދޭނީ، އެއިން ތަނެއް ދެން އަލުން ބޭނުން ނުކުރެވޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ކަމަށެވެ.
އީރާނުން ޓްރަމްޕަށް ދިން އިންޒާރުގައި މަހްދީ މުހައްމަދީ ވިދާޅުވީ، އީރާނުން ހަނގުރާމަ ކާމިޔާބު ކޮށްފިކަން ވަރަށް ސާފުކޮށް، ފާޅުކޮށް އެނގޭ ކަމަށެވެ. އަދި ހަނގުރާމައިން އީރާނަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކާއި ކުރިއެރުންތައް އިތުރަށް ވަރުގަދަކޮށް، ސަރަހައްދުގައި މުޅިން އައު ސަލާމަތީ ނިޒާމެއް ގާއިމްކުރަން މަގުފަހިވާ ކަމެއްނޫން އެހެން އެއްވެސް ހުށަހެޅުމެއް އީރާނުން ގަބޫލު ނުކުރާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ދިން މުހުލަތުގެ ހަމަވާން ގާތްވަމުންދާއިރު، އެއްބަސްވުމެއް ހެދުމަށް އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ ޕްލޭނަށް އީރާނުން މިހާރު ވަނީ ޖަވާބުވެސް ދީފައެވެ. އީރާނުން 10 ނުކުތާގެ ޖަވާބު ދީފައިވަނީ ޕާކިސްތާނު މެދުވެރިކޮށެވެ.
އީރާނުން އަންގަނީ، އެއްވެސް ވާހަކައެއް ދެކެވުމުގެކުރިން އީރާނުގެ ހުށަހެޅުމުގައި ހިމެނޭ ނުކުތާތަކަށް އެމެރިކާ އެއްބަސް ވާންޖެހޭނޭ ކަމަށެވެ. އީރާނުން ބޭނުންވަނީ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމުގެ އެއްބަސްވުމެއް ނޫންކަމާއި، އީރާނު ބޭނުންވަނީ ހަނގުރާމަ ދާއިމަށް ހުއްޓާލުމާއި، އީރާނަށް އަލުން ހަމަލާއެއް ދިނުމުގެ ފުރުސަތު މުޅިން ބަންދުކޮށްލާ އެއްބަސްވުމެއް ހެދުމަށްކަން ނުކުތާތަކުން އެނގެއެވެ.
އީރާނުގެ ހުށަހެޅުމުގައި ހިމެނޭ ނުކުތާތަކުން ހާމަވެގެންދަނީ، އީރާނު އޮތީ ހަނގުރާމައިގައި އެމެރިކާއަށް ދޫދޭގޮތަކަށް ނޫންކަމެވެ. ހަނގުރާމައިގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތުގައި ކަމަށާއި، ހަނގުރާމައިން ކުރީގައި އޮތީ އީރާނު ކަމާއި، ކާމިޔާބު ލިބިފައިވަނީ އީރާނަށް ކަމާއި، އެމެރިކާ އޮތީ އީރާނަށް ބަސް ބުނެވޭފަދަ ދަރަޖައެއްގައި ނޫންކަންވެސް އީރާނުގެ ހުށަހެޅުންތަކުން ހާމަވެއެވެ.
އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާ އެއްބަސް ނުވެއްޖެނަމަ އަދި އީރާނުން ހޮރްމޫޒު ނުހުޅުވައިފިނަމަ ޓްރަމްޕަށް އޮތީ ދެ އިޚްތިޔާރެވެ. އެއް އިޚްތިޔާރަކީ އާންމު އުސޫލުން އީރާނަށް ދީފައިވާ މުހުލަތު ދިގު ދަންމާލުމެވެ. ދެވަނަ އިޚްތިޔާރަކީ އީރާނުގެ އިންޖީނުގެތަކަށާއި، ބްރިޖްތަކަށް ބޮންއަޅައި އީރާނުގެ އެތަކެއް މިލިއަން އާންމުންވެސް މެރުމެވެ.
އީރާނަށް އިންޒާރު ދިނުމުން، ޖެނީވާ ކޮންވެންޝަންގެ ދަށުން ހަނގުރާމައިގެ ޖަރީމާތަކުގެ ގޮޅިއަށް ޓްރަމްޕް މިހާރުވެސް ފެތިފައި ވައިރު، އީރާނަށް އެފަދަ ހަމަލާތަކެއްދީ ގެއްލުންތައް ދީފިނަމަ އެމެރިކާގެ ރައީސަކަސް އޭނާގެ މައްސަލަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ބަލާނެކަން ގައިމުވެއެވެ.



