މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، އާންމު ރައްޔިތުންގެ ޚިޔާލާއި ދިރިއުޅުމުގެ ޚަރަދުތަކަށް ރިއާޔަތްކޮށް، މަސްދަޅުގެ އަގު ކުރިން އޮތް ގޮތަށް ދެމެހެއްޓުމަށް އެ ކުންފުނިން ނިންމައިފި އެވެ.
މިއަދުގެ ކުރީކޮޅު ގެނައި ބަދަލާއެކު ތެޔޮ މަސްދަޅެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކޮށް، ކޭހެއްގެ އަގު 800 ރުފިޔާއަށް އުފުލުނު އެވެ. މިފްކޯ އިން އޭރުގަ ބުނި ގޮތުގައި ކުރިން އަގު ބޮޑުކުރަން ޖެހުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯއިން ބުުނީ އެ ނިންމުން ބާތިލްކޮށް، ކުރީގެ އަގުތަކަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުމާއެކު، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50 ރުފިޔާ އަށް ލިބޭނެ ކަމަށާއި ތެޔޮމަސްދަޅު ކޭހެއްގެ އަގު 760 ރުފިޔާ އަށް ދަށްކޮށްފަ އެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދިނުމެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފަ އެވެ.


