އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި އެއްވެސް މަގްސަދެއް ހާސިލްނުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް އަމާންދީ، ހަނގުރާމަ ހުއްޓާލައިފިއެވެ.
އެމެރިކާއާއި އިސްރާއީލުން ފުރަތަމަ އުޅުނީ އީރާނުގެ އެތެރެއިން ބަޔަކަށް ހަތިޔާރުދީގެން އަދި ބޭރުން މީހުން އެތެރެކޮށްގެން އީރާނުގައި ހަމަނުޖެހުން އުފައްދައި، އީރާނުގެ ސަރުކާރު ވައްޓާލުމަށެވެ. އެމެރިކާއާއި އިސްރާއީލު ބޭނުންވާ ގޮތަށް އެކަން ނުވުމުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީއެވެ. އީރާނުން އެމެރިކާއާ ވާހަކަ ދައްކަމުންވެސް ގެންދަނިކޮށެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި އެއް މަގްސަދެއް ކަމަށް ބުނީ އީރާނުގެ ވެރިކަން ބަދަލުކޮށްލުމެވެ. ހަނގުރާމަ ކޮށްގެންވެސް އެކަމެއް ނުވިއެވެ. ދެން ކުރަން އުޅުނު ކަމަކީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހަލާކުކޮށްލުމެވެ. އެކަމެއް ނުވިއެވެ. ދެން އުޅުނީ އީރާނުގެ މިސައިލް ޕްރޮގްރާމް ސުންނާފަތި ކޮށްލުމަށެވެ. އެކަމެއްވެސް ނުވިއެވެ.
މުޅި އީރާނަށް ބޮންއަޅައިގެންނާއި، މިސައިލް ހަމަލާތައް ދީގެން ދެން މަސައްކަތްކުރީ، އީރާނުގެ އެއްގަމު ސިފައިންނާއި، ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިންގެ ލަޝްކަރުތައް ނައްތާލުމަށެވެ. އީރާނުގެ އަމިއްލަ ދިފާއު ނައްތާލުމަށެވެ. އެއިން އެއްވެސް ކަމެއް ނުވިއެވެ.
ބާރުގެ ބޭނުންކޮށްގެން އީރާނު ކުޑަކަކޫމައްޗަށް ތިރިކުރަން ކުރި ހުރިހާ މަސައްކަތެއް ނާކާޔާބު ވުމުން ދެން މަސައްކަތް ކުރީ ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ނަމުގައި ވާހަކަ ދައްކައިގެން އެމެރިކާ ބޭނުންވާ، ޓްރަމްޕް ރުހޭފަދަ އެއްބަސްވުމެއް ހެދުމަށެވެ. އެކަމަށްޓަކައި އީރާނަށް އެތައް ބިރެއް ދައްކައި އިންޒާރުތައްކޮށް ހެދިއެވެ. އީރާނުން ތެޔޮ ބޭރުކުރިޔަނުދީ ކަނޑުގެމަގު ބްލޮކްކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަންފަތުރައި އީރާނަށް ދަތިކޮށް، މަޖުބޫރުކޮށްގެން އެއްބަސްވުމެއް ހެދުމަށް ކުރި ހުރިހާ މަސައްކަތެއްވެސް ދިޔައީ ފެނަށެވެ.
އަސްކަރީ ބާރުގެ ބޭނުންކޮށްގެން އީރާނު ބަލިނުކުރެވި، ބިރުދައްކައި ދަތިކޮށްގެންވެސް އީރާނު ބަލި ނުކުރެވި، އަމިއްލަ ގައުމުގައި އެމެރިކާގެ ރައީސަށް ރައްޔިތުންގެ ތާއީދުގެއްލި، އެމެރިކާގައި ތެލާއި ގޭހާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށްގޮސް، ހަނގުރާމައިގެ ސަބަބުން އެތައް ބިލިއަން ޑޮލަރުގެ ގެއްލުންލިބި، ގައުމުގައި ހުރި ހަތިޔާރުގެ ސްޓޮކް މަދުވެ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ހުރިހާ ބޭސްތައް ސުންނާފަތިވެ، ބޮންއަޅާ އެތައް ބޯޓަކާއި، ދިފާއީ އައްޑަނަތަކާއި އަގުބޮޑު އެތައް ހަތިޔާރެއް ހަލާކުވެ، ސަލާމަތުން ހަނގުރާމައިގެން ނުކުމެވޭން ހުރި ހުރިހާ ދޮރުތަކެއް ބަންދުވުމުން ޓްރަމްޕަށް ޖެހުނީ ފަހުވަގުތު އީރާނުން ބޭނުންވާ ގޮތަށް އެއްބަސްވުން ހަދައި ހަނގުރާމަ ދާއިމަށް ހުއްޓާލިކަން އިއުލާން ކުރާށެވެ.
އީރާނުން ތެޔޮ ބޭރުކުރިޔަ ނުދިނުމަށް އެމެރިކާގެ ރައީސް ޓްރަމްޕް، ސިފައިން ފޮނުވައިގެން ކުރަމުންދިޔަ މަސައްކަތް ނުވަތަ ބްލޮކޭޑް މިވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި ސިފައިން އަނބުރާ ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
އެމެރިކާއިން ގަނޑުކޮށްފައި ހުރި އީރާނުގެ 24 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްލަން ޓްރަމްޕް ވަނީ އެއްބަސްވެފައެވެ. އީރާނާއެކު އެއްބަސްވުން ހެދުމުގެކުރިންވެސް އޭގެ ތެރެއިން 12 ބިލިއަން ޑޮލަރު ވަނީ އީރާނަށް އަނބުރާ ދީފައެވެ. ރިޕޯޓްތައް ބުނަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ގެއްލުންތަކުން އީރާނު އަލުން ބިނާކުރުމުގެ މަސައްކަތަށް 300 ބިލިއަން އެމެރިކާ ޑޮލަރު ބަދަލުގެގޮތުގައި ދިނުމަށްވެސް ޓްރަމްޕް އެއްބަސްވެފައިވާ ކަމަށެވެ.
ނުވިތާކަށް، އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް ދެމުންގެންދިޔަ އުދުވާނީ ހަމަލާތައް ވަގުތުން ވަނީ ނިމުމަކަށް ގެނެވިފައެވެ. އެއީ، އެމެރިކާއާއެކު ހަދާ އެއްބަސްވުމުގައި ހިމެނުމަށް ފުރަތަމަ ދުވަހުންވެސް އީރާނުން ހުށަހަޅާފައިވާ ޝަރުތެކެވެ.
އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިއްޔެ މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން އީރާނުން އެމެރިކާއާއެކު ދައްކަމުން ގެންދިޔަ ހުރިހާ ވާހަކަތަކެއް ވަގުތުން ކެންސަލްކުރިއެވެ. އަދި އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާނޭ ކަމަށް އެންގިއެވެ.
ނުވިތާކަށް އީރާނުން ދެން ތައްޔާރުވަމުންދިޔައީ، ބެއިރޫތަށް ހަމަލާދިނުމުން ބަދަލު ހިފުމުގެގޮތުން އިސްތިއުމާރީ އިސްރާއީލަ ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ. އީރާނު އަސްކަރިއްޔާގެ ވެރިން އިންޒާރު ކުރެއްވީ، މިފަހަރަކީ އިސްރާއީލުގެ “ދުވަސް ދުއްވާލާނެ” ފަހަރު ކަމަށެވެ. ދެން ދުވަހަކުވެސް ހިންދެމިނުލެވޭ ވަރު ކޮށްލާނޭ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފުރަތަމަ މަސައްކަތްކުރީ އީރާނު ހުއްޓުވޭތޯއެވެ. އެގޮތުން، އިސްރާއީލަށް ހަމަލާ ނުދޭމަތިން އީރާނަށް އެތައް ބިލިއަން ޑޮލަރު ދިނުމަށް ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ފައިސާއަށް ނުވިކޭނޭ ކަމަށާއި، އީރާނާ އެކުވެރި ލުބުނާނަށް ހަމަލާދިނުމުގެ ބަދަލު ހިފުންނޫންގޮތެއް ނޯންނާނެ ކަމަށް އީރާނުން ޓްރަމްޕަށް ޖަވާބުދިނެވެ.
އެމެރިކާގެ ރައީސް ދެން މަސައްކަތް ކުރީ މުޖުރިމު ނަތަންޔާހޫއަށް ގުޅައިގެން އޭނާ ހުއްޓުވޭތޯއެވެ. ޓްރަމްޕް އެދުނީ ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލައި އަދި ލުބުނާނުގެ ދެކުނުން ސިފައިންވެސް ވަގުތުން ބޭލުމަށެވެ. އީރާނު ހުއްޓުވޭނެ ހަމައެކަނި ގޮތަކީ އެއީކަމަށް ވާތީއެވެ. އެކަމަކު ޓްރަމްޕާ ޒުވާބު ކުރުމަށްފަހު ނަތަންޔާހޫ އެކަމާ ދެކޮޅުހެދީއެވެ.
ކުއްލިއަކަށް ހުރިހާކަމެއް ބަދަލުވެގެންދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނަތަންޔާހޫއަށް ދެވަނަ ފަހަރަށް ފޯނުން ގުޅައި ދެއްކެވި ވާހަކަތަކަށް ފަހުގައެވެ. ދެއްކީ ކޮން ވާހަކަތަކެއް ކަމެއް ނޭނގެއެވެ. އެކަމަކު، އޭގެފަހުން ހިނގާދިޔަ ކަންތަކުން އެނގެނީ، އީރާނާއެކު އެމެރިކާއިން ހަދާ އެއްބަސްވުމަށް ނަތަންޔާހޫވެސް މިހާރު ރުހިގެން ހުރިކަމެވެ.
އެމެރިކާއިން އަސްކަރީ ޖާސޫސީ މައުލޫމާތު ހިއްސާކުރުން ހުއްޓާލައި، ރެއާއި ދުވާލު އިސްރާއީލަށް ފޮނުވަމުންދާ ބޮމާއި، ހަތިޔާރުގެ ޝިޕްމަންޓްތައް ފޮނުވުން ހުއްޓާލައިފިނަމަ އިސްތިއުމާރީ ސިފައިންނަށް ތިން ދުވަހަށްވެސް ހަނގުރާމަ ކުރިއަށް ނުގެންދެވޭނެކަން އެންމެނަށްވެސް އެނގެއެވެ. އެމެރިކާއިން އެހީވުން ހުއްޓާލުން ވެގެންދާނީ ޒަޔަނިސްޓު ދައުލަތް ނެތިގެންދިއުންކަންވެސް އެންމެނަށް އެނގެއެވެ. ޓްރަމްޕް އެކަމުގެ ބިރު ދެއްކީ ކަމަށްވުން އެކަށީގެންވެއެވެ.
ނަތަންޔާހޫ ހުއްޓުވުމަށްފަހު އީރާނު ހުއްޓުވުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕް މިވަނީ، އީރާނުން އެދުނު ހުރިހާ ކަމަކަށްހެން އެއްބަސްވެފައެވެ. އީރާނުގެ ހުށަހެޅުންތަކަށް ޓްރަމްޕް އެއްބަސްވުމުން އިސްރާއީލަށް ހަމަލާނުދޭންވެސް އީރާނުން ނިންމިއެވެ.
އީރާނު ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣަރީބްއަބަދީ ވިދާޅުވީ، އީރާނުން ގެންގުޅެމުން އައި ހުރިހާ ސްޓޭންޑެއް އަދި މުހިންމު ހުރިހާ މައްސަލަތަކެއް އެމްއޯޔޫގައި ހިމެނިފައިވާ ކަމަށެވެ. އެމްއޯޔޫގައި ސޮއި ކުރެވުމުން އޭގައި ހިމެނޭ ހުރިހާ މައުލޫމާތެއް ހާމަކުރައްވާނެ ކަމަށްވެސް ކާޒިމް ވިދާޅުވިއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އެކަށައެޅި އެމްއޯޔޫގެ ލިއުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ ހުކުރުދުވަހު ކަމަށާއި، ސޮއިކުރުން އޮންނާނީ ޖެނީވާގައި ކަމަށް، ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ފަރާތުން އެގައުމުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އިއުލާން ކުރައްވާފައި ވެއެވެ. މިކަން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައިވަނީ، މިހާރު އެކަށައެޅިފައިވާ އެމްއޯޔޫގެދަށުން ކުރަން ކަނޑައެޅިފައިވާ ކަންކަން އެމެރިކާއިން ފުރިހަމަ ނުކޮށްފިނަމަ، ހަނގުރާމަ ހުއްޓާލުމާއި ސުލްހައިގެ ދާއިމީ އެއްބަސްވުމެއް ހެދުމަށް ބާއްވަންޖެހޭ މަޝްވަރާތައް ކުރިއަށް ނުގެންދާނޭ ކަމަށެވެ. މަޝްވަރާތައް ބާއްވަން ކަނޑައަޅާފައިވަނީ 60 ދުވަހެވެ.
އެމްއޯޔޫއާ ގުޅޭގޮތުން އެމެރިކާގެ ރައީސާއި ނަތަންޔާހޫ ފޮނި ވާހަކަތަކެއް ދައްކައި އޮޅުވާލަން މަސައްކަތް ކުރާނެކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.
ހަގީގަތަކީ، މިހާރު އޮތްގޮތުންވެސް، ހޮރްމޫޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އީރާނަށެވެ. އެމެރިކާއިން ބްލޮކޭޑް އުވާލައިފިއެވެ. އީރާނުގެ ފަންޑުތައް ދޫކޮށްލަން އެއްބަސްވެއްޖެއެވެ. ލުބުނާނަށް ހަމަލާދިނުން ހުއްޓުވިއްޖެއެވެ. ވުމާއެކު ހަނގުރާމައިން މޮޅުވީ އީރާނު ކަމަށް ކަނޑައެޅިދާނެއެވެ.



