ލިޔުނީ: އަޙުމަދު ޝަމީމް
މާމަ އެދިޔައީ އިންސާނަކަސް ދެވޭނެ މިންވަރަށް ލޯތްބާ އޯގާތެރިކަމާ އަޅާލުން ދީފަ، އެލޯތްބެއް ދެނެއް ނުލިބޭނެ.
އަހަރެންނަކީ އާއިލާ ރޫޅިފަ ވަނިކޮން ދުނިޔެއަށް އުފަންވި ކުއްޖެއް. ދުނިޔެއަށް އުފަންވުމާއެކު އަހަރެންގެ ހުރިހާ ޒިންމާއަކާ ހަވާލުވީ ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ މާމަ އަކާ ކާފައެއް. އެމާމަ އާއި ކާފަގެ ޤުރުބާނީ އިން މި ދުނިޔެއަށް ވަނީ އަހަރެންގެ ލޯ ހުޅުވަދީ ފަޙުރުވެރި 2 ދަރިން ބޮޑުކޮއްފަ. އަދި ފަހު ނޭވަޔާ ޖެހެންދެން ލޯތްބާ އަޅާލުން ދީ ހެޔޮ ދުޢާ ކޮށްދީފަ.
މާމަ އާއި ކާފައަކީ އެޒަމާނުގަ ރަށުގަ އެންމެ ތަނަވަސް ކަމާއެކު ދިރި އުޅެމުން އައި ބައެއް. ވުމާއެކު ކާފަގެ ގެއަކި އެއިރު ރަށުގަ އެންމެ ރަނގަޅު ފެންވަރަކަށް ހަދާފަ ހުރި ގެ. އެއީ އަހަރެންނާ ބޭބެ އަދި މަންމަވެސް ދިރިއުޅެމުން އައި ގެ. އެގޭގަ އަހަރެމެންނައްޓަކާ ކާ އެއްޗެހިވެސް ހުސްނުވެ ލިބެން ހުރޭ. އަދި އެންމެ ރީތި ހެނދުމާ ކުޅޭ އެއްޗެހި ބޭނުން ވަރަކަށް ހޯދަދޭ ރަށުގަ އެހެން ކުދިންނަށް ނުލިބޭ އަގު ބޮޑެތި އެއްޗެހިވެސް ހޯދަދޭ. އެންމެ ފުރަތަމަ ބައިސްކަލެއްވެސް ލިބުނި އަހަރެމެން ދެބެންނަށް. އެއީ މައިން ބަފައިންގެ ލޮއިތްބާ އަޅާލުން ނެތް ބައެއްގެ އިހުސާސް އެ މާމަ އާއި ކާފަ ލޮލުގެ ނޫރު ފަދައިން ލޯބިވީ ދެ ދަރިންނަށް ވުމަށް ނޭދޭތީ.
އަހަރެން ކިޔަވަން ރަށުން ބޭރަށް ގެންދިޔައީ ކާފަގެ ގާތް ރައްޓެއްސެއްގެ ކައިރިއަށް ކ ހުރާއަށް. އެރަށުގަ ކިޔަވަމުން ދަނިކޮން ކާފަގެ ބަލި ހާލު ހުރި ގޮތުން އާމްދަނި ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލާފަ ރަށަށް ބަދަލުވި. އެހިސާބުން އާއިލާ މީހެއް އަހަރެންގެ ބައެއް ޚަރަދުތައް ބަލަހައްޓަން ހަވާލުވި. ނަމަވެސް އެ ކާފަ އާއި މާމަގެ އަޅާ ލުމާ އޯގާތެރިކަން ދިޔައީ ލިބެމުން. ގުރޭޑު 10 އަކަށް ހުރާގަ އެއަހަރު ކިޔަވައި ނުދޭތީ ޅ ނައިފަރަށްބަދަލު ކުރަން ބައްޕަ އަހަރެންގެ ގާތުގަ އެދުނެ. އެއީ ބައްޕައަށް އަހަރެން ފެނުނު ހިސާބަކީ. އެހާ ހިސާބަށް ބައްޕަޔަކާ ނުލާ ބޭނުންވި ހުރިހާ ކަމެއް ހާސިލް ކުރަމުން އަހަރެން އައީ އެ މާމަ އާއި ކާފަގެ އޯގާތެރި ކަމާއެކު ކިޔަވާ ނިނިގެން ވަޒީފާއަކަށް ދިޔައީ އިތުރަސް ކިޔަވަން ބޭނުން ނުވާތީ. މާމަ އާއި ކާފަ މުސްކުޅިވުމުން ގޭގެ ޚަރަދުތަށް ބަލަހައްޓަން ޖެހިދާނެ ކަމަށް ވިސްނާފަ. އެހެން އުޅެނިކޮން ކުއްލި ގޮތަކަށް ކާފަ ނިޔާވީ. އެހާ ހިސާބަށްވެސް އަހަރެންގެ ފަރާތުން އެއްވެސް އެހީތެރިކަމަކަށް އެމީހުން އެދިފައެއްނުވޭ. އެ ދެމިހުންގެ ފަރާތުން ލިބެމުންއައި ލޯތްބާ އަޅާލުމަކަށް އެއްވެސް ބަދަލެއް އެހިސާބަށްވެސް އައިސްފައެއްނުވެ.
އަހަރެންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލު ކުރިން. އަދި އެހެން އުޅެމުން މިހަކާ ކައިވެނިކޮށް އަމިއްލަ ދިރިއުޅުމެއް އުޅެން ފެށިން. އެހިސާބުންވެސް މާމަގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާދޭ. އަހަރެންގެ އަންހެނުންނާ އަހަރެންގެ ދަރިން ދެކެވެސް އަހަރެން ދެކެ ވާ ލޯބި މާމަ ދިޔައީ ވަމުން. ބަޔަކު ރަށުން އަންނަކަން އެނގިއްޖެޔާ މާމަ އަހަރެންގެ ކައިރިއަށް އާދެ. އަދި ބަޔަކު ގޮއްސިއްޔާ ކޮންމެވެސް ހަދިޔާއެއް ފޮނުވާ ޙާލުބަލާނެ.
މާމަ އެހެން ރަށަކަށް ބަދަލުވި. އެއީ ސަރުކާރުން އެރަށުގެ މީހުން ބަދަލު ކުރުމާ ގުޅިގެން މާމަވެސް އެރަށަށް ބަދަލުވާން ޖެހުނީ. އެރަށަށް ގޮސް މާމަ ދިރިއުޅެމުން އައީ މަންމައާ އެކު ދެމައިން. މަންމަ ބަލިހާލު ހުރިގޮތުން އަހަރެންގެ ގެއަށް އަހަރެންގެ ކައިރިޔަށް ބަދަލުކުރިން އަދި މާމަވެސް އަހަރެންގެ ގެ ހަދާ ނިމުނީމަ ގެންނާނެ ކަމަށް މާމަކައިރީ ބުނަމުން އެއީ ގޭގަ ޖާގައިގެ ދަތިކަން ހުރީމަ މާމަ ގެންނަން ކިތަންމެ ބޭނުމަސް އެކަން އަހަރެންނަކަށް ފުރިހަމައެއް ނުކުރެވުނު. މިއަދުވެސް އަހަރެން އެންމެ ދެރަވަނީ މާމަ ނިމި ދިޔުމުގެ ކުރިން އަހަރެންގެ ކައިރިއަށް މާމަ ނުގެނެވުނީމަ. މާމަ ދިން ލޯބީގެ ޒައްރެއްގެ މިންވަރުވެސް އަހަރެންނަށް ނުދެވުނީމަ.
މާމަ ރަށަށް ހިނގައްޖެ ނަމަ އަހަރެން ހުރި ތަނެއް ބަލާ ހޯދާނެ. އަހަރެންގެ ދަރިންނަށް ކޮންމެވެސް ހަދިޔާއެއް ނުފޮނުވާ ހިތްހަމައެއް ނުޖެހޭނެ. އަހަރެން ދެވަނަ ދަރިފުޅު އެއް ދުވަހަކު ކޯއްޗެއްތޯ ބޭނުމީ އެހުމުން ބުނި ބިސްކޯދު އެންމެ ފަހުން މާމައާ ބައްދަލުވި ދުވަހުވެސް ހޯދި. އަދި އެބިސްކޯދު ބަޔަކު އަންނަކަން އެނގުނަސް ގަނެފަ ފޮނުވާނެ
މާމަގެ ހިތުގަ މި ދަރިއަށް އަބަދުވެސް ހާއްސަ މަގާމެއް އޮވޭ. ހުރިހާ ދަރިންނަށްވެސް ވީވަރަކުން ލޯތްބާ އަޅާލުން ދިން. މާމަ ކިތަންމެ ކުޑަ ކަމެއް ކުރިޔަސް ކިތަންމެ ބޮޑުކަމެއް ކުރިޔަސް އަހަރެންނަށް ގުޅާ އަހަރެންގެ ބަހެއް ނުހޯދާ ނުކުރޭ. އަހަރެން އެއްވެސް ކަމަކަށް މާމަ ދުވަހަކުވެސް ދެކޮޅު ހަދާފަ ނުވޭ. އަބަދުވެސް މަމަގެ އެދުމަކީ ދުއާއަކީ އަހަރެމެން އުފަލުގަ އުޅުން. އަހަރެމެންގެ ބޭނުންތައް ހާސިލްވުން. މާމައަށް ލިބޭ ފައިސާވެސް ދިޔައި ދަރިންނަށް ޚަރަދު ކުރަމުން. އަހަރެންގެ އަންހެނުން ވިހައިގެން ހޮސްޕިޓަލުގައި އޮންނަ ކޮންމެ ފަހަރަކުވެސް ކޮންމެވެސް ގޮތަކުން ކައިރިއަށް އައިސް ހާލު ބަލަ ފައިސާވެސް ދީފަ ނޫނީ ނުދާނެ. މާމަ އަހަރެންނަށް ދެކެމުން އައީ 5 އަހަރުގެ ކުއްޖެއް ފަދައިން 36 އަހަރު ވީ އިރުވެސް.
މާމަގެ އެންމެ ފަހު ދުވަސްތައް މާމަ ހެދަކުރީ ދޮންދައިތަ ގޭގަ ދޮންދައިތަގެ ކައިރީ. މިއަދު އަހަރެންގެ މަންމަ އާއި ބައްޕައެއްގެ ޒިންމާ އަދާކުރަމުންދާ ދޮންދައިތަގެ ދެމަފިރިން މާމަ ބަލަމުން އައީ އަހަރެން އެއްވެސް ސުވާލެއް ނެތްހާ ރަނގަޅަށް. އެންމެ ފަހު ނޭވާވެސް ލީ ދޮންދައިތަ އަތްމައްޗައް. އެދެމަފިރިންނަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް އަހަރެންނަކަށް ނޭނގެ. އަހަރެން އަބަދުވެސް އުންމީދު ކުރަމުން އައީ މާމަ އަހަރެންގެ ކައިރިއަށް ގެނެވޭނެ ދުވަހަކަށް. މާމަ ދިން ލޯބި ނުދެވުނަސް މާމައަށް ލޯތްބާ އަޅާލުން ދެވޭނެ ދުވަހަކަށް.
އެންމެ ފަހު ފޯނު ކޯލު، މާމަ އާދައިގެ މަތިން އަހަރެންނަށް ގުޅި އަދި އާދަކޮށް މާމަ ކުރާ ސުވާލު ކުރި، ދަރިފުޅު ކިހިނެއް؟ މަންމަ ކިހިނެތް؟ ދަރިންނާ ސާމިޔަ ކިހިނެތް؟ “އެންމެވެސް ރަނގަޅު މާމަ ކިހިނެތްހޭ” އެހުމުން ބުނި ” މާމަ ރަނގަޅު އެކަމަކު އަދިވެސް ހުންނަނި ކުޑަކޮން ނޭވަޔަށް އުންދަގުވެފަ” އެއީ މާމަ ދުވަސްކޮޅެއް ކުރިން ދިމާވެގެން އުޅޭ ކަމެއް، އެކަމަށް މާމަ ކުޅުދުއްފުށި ހޮސްޕިޓަލައްވެސް ދޮންދައިތަ ގެންގޮސް ދެއްކި، އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާތި ކުރެވޭނެ އިތުރު ފަރުވައެއް ނެތިފަ ތިއްބަ ކޮވިއްޑުގެ ސަބަބުން މާލެ ފުރަބަންދުވީ، އަހަރެން އެރޭ ގެއަށް އައުމުން އަންހެނުން ބުނީ ދޮންދައިތަ ގޭ ކުދިން ގުޅައިގެން ވީޑިއޯ ކޯލުން މާވެސް އަހަރެންގެ ހަގު ދަރިއާ މައްލަވަ ކުރި ވަހަކަ. އެހާ އުފާވެރިކޮން އުޅެމުން އެރޭވެސް ނިދީ އަދިވެސް މާމައާ ދިމާވާނެ ކަމުގެ އުންމީދުގަ. ނަމަވެސް ހެނދުނު މިހަކު ދޮރުގަ އައިސް ޖަހާލީ ހިތް ފަޅައިގެން ދާ ފަދަ ދުވަހަކުވެސް އަހަން ބޭނުން ނުވި އެ ހިތާމަވެރި ޚަބަރައިގެން.
މާމަ އެދިޔައީ އަހަރެންނަށް ލޯބި ދީފަ، އޯގާތެރިކަން ދީފަ، އެފަދަ ލޯތްބެއް ދުވަހަކުވެސް ދެނެއް ނުލިބޭނެ. އެ ހަނދާންތަކެއް ދުވަހަކުވެސް ނުފިލާނެ. އެކަނިވާ ކޮންމެ ހިނދަކު މާމަގެ ހަނދާންނޫން އެއްޗެއް މި ހިތަކަށް ނާދެ. ދެން އެ ފޯނު ކޯލެއް ނާންނާނެ، ދެން އެ ބިސްކޯދުވެސް ފޮނުވަނެމީހަކު ނުހުންނާނެ، ދެން ހޯދަން އަންނާނެ މާމައެއް ނުހުންނާނެ، ދެން ހެއޮ ދުޢާ ކުރާނެ އެފަދަ ދެވަނައެއް ނުހުންނާނެ. ދެން އަހަރެންނަށް ކޮށްދެވެނެހާވެސް ކަމަކީ މާމައަށް ހެޔޮ ދުޢާ ކުރުން، މާމައަށް ހެޔޮ ރަޙުމަތް ލައްވާ ފާފަ ފުއްސަވާންދޭ، އާމީން


