121 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި

ޚަބަރު ފަހުގެ

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި 121 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި އެވެ.

މިއީ ރިސޯޓުތަކުގައި ވޯޓު ފޮށި އެންމެ ގިނަ އަދަދަކަށް ބަހައްޓާ އިންތިހާބު އެވެ. އެއީ މިފަހަރުގެ އިންތިހާބުގައި އެ މީހަކު ހުރި ސަރަހައްދެއްގައި ވޯޓުލުން ކުރިއަށްގެންދިއުމަށް އެޗްޕީއޭގެ ގައިޑްލައިންގައި ކަނޑައަޅާފައިވާތީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި 121 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އިންތިހާބު ބޭއްވުމަށް ޖުމްލަ 95 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެއީ އިތުރަށް ބޭނުންވާ 45 މިލިއަންވެސް އޭގެ ތެރޭގައި ހިމެނޭހެންނެވެ.

އިންތިހާބު ބޭއްވުމަށް ހަރަދު ބޮޑުވާނެ ކަންކަމުގެ ތެރޭގައި އޮފިޝަލުންނަށާއި ވޯޓުފޮށިތަކަށް ހޭދަވާނެ ފައިސާ ހިމެނެ އެވެ.

އެޗްޕީއޭގެ ގައިޑްލައިން ގައި ހުރި ކަންތައްތަކާއި ގުޅޭ ގޮތުން އީސީގެ އިތުރުން ސިޔާސީ ޕާޓީތަކުން ވަނީ އެތައް ފަހަރެއްގެ މަތިން ޝަކުވާ ކޮށްފައެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ފާހަގަކުރާ ނުކުތާއަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތަސް އެޗްޕީއޭއަށް އިންތިހާބުގެ ކަންކަމުގައި ގޮތް ކިޔުމުގެ ބާރު ދީފައި އޮތުމެވެ.

އިންތިހާބު ނުބޭއްވި ދިގުލައިގެން ދިޔުމުގެ ސަބަބުން ގިނަ އަދަދެއްގެ ކެންޑިޑޭޓުންތަކެއް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ އިންތިހާބަކާއި ނުލައި މިހާރުވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުންތަކެއް ވަނީ އިންތިހާބުވެގެން ގޮސްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ