އާދުވަހަކަށް އަލިވިލިގެން އައީ ހެންވޭރު މަންޒިލަށް އުފާވެރިކަން ގެނެސްދެމުންނެވެ. މުޅި ގޭތެރެއިންވެސް ފެންނަމުން ދިޔައީ އެކިކޮޅުކޮޅު މައްޗަށް ހަލުވިކަމާއިއެކު ހޭލަމޭލަވަމުން ދިޔަ އެގޭގެ ނޯކަރުންތަކެވެ. ދުވަހަކީ ހަމަގައިމުންވެސް އެގެއަށް ވަރަށް ޚާއްސަ ދުވަހެއްކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭހާ ފުރިހަމައަށް މުޅި ގޭތެރެ ޒީނަތްތެރިކުރެވެމުން ދިޔައެވެ. އެމީހަކަށް ހަވާލުކުރެވިފައިވާ މަސައްކަތް ވީއެންމެ ފުރިހަމައަށް ނިންމުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަމުންދިޔައެވެ. އެބޮޑު ގޭގެ ކޮންމެ ދިމާލަކަށް ބަލއިލި ކަމުގައިވިޔަސް ފެންނަމުންދިޔައީ މުއްސަނދިކަމާއި ހައިބަތެވެ. ގޭޓުން ވަދެގެން އަންނައިރު ހިތްގައިމު ސަރާސަރު މަގެއް ގާއަތުރައިގެން ގެއާއި ހަމައަށް ހަދާފައިވެއެވެ. މަގުގެ ދެފަރާތުގައި ކުޅަދާނަ އަތެއްގެ ހުނަރު، ފެންނަމުން ދިޔަ ބަގީޗާއިން ހާމަވެގެން ދެއެވެ. ތަފާތު އެކި ވައްތަރުގެ އެކި ކުލައިގެ މާތައް އަޅާފައިވާ ގަސްތައް ފެނުނު ކޮންމެ މީހެއްގެ ހިތަށް އުފާވެރިކަން ގެނެސްދޭނެކަން ޔަގީނެވެ. މާލޭގެ ގެތަކާއި ބަލާއިރު ހުސްބިން ބޮޑު ގެއެކެވެ. މާގަސްތަކުގެ ފަހަތުން ބޮޑު އަނބުގަހެއް ފެންނަން ހުއްޓެވެ. ބިންމަތީގައި ފެހިކުލައިގެ ކާޕެޓު ވިނަ ހައްދާފައިވެއެވެ. އަނބުގަހުގެ ހިޔަލުގައި ހަތަރު މީހުންނަށް އިށީންދެވޭނެހެން ކޮފީ މޭޒެއް ބަހައްޓާފައި، ގަހުގެ އެކި ހިސާބުގައި އުނދޯލި އެލުވާފައިވެއެވެ. ގެއަށް ވަދެގެން އަންނައިރު އެގޭގެ ކޮންމެ އެއްޗެއްގެ ފުރިހަމަކަމުން ލޯތައް ތަރަތަރަޖަހައިގެން ދާވަރުވެއެވެ. އަގުބޮޑު ޓީވީ ރެކާއި، އެންމެ މިޒަމާނީ ފަރުނީޗަރުތަކުން މުޅި ގޭތެރެ ފަޅުފިލުވައިދެއެވެ.
އެންމެންގެ ލޯތައް އެއްދިމާލަކަށް އަމާޒުވެގެން ދިޔައީ ސިޑިން ފައިބަމުން އައި އިޙްސާންގެ ދެމަފިރިންނަށެވެ. މިމުދަލުގެ ހައްޤުވެރިއަކީ އިޙްސާން ލަތީފެވެ. އިޙްސާނުގެ ބައްޕަ ނިޔާވުމުން ބައްޕަ ހިންގަމުން ދިޔަ ވިޔަފާރިއާއި އިޙްސާން ހަވާލުވީ، ބައްޕަ ނިޔާވިއިރު އިތުރު ދަރިއަކުވެސް ނެތުމުންނެވެ. އިޙްސާނުގެ އަންހެނުން ޒިޔާނާ އަކީ ވިޔަފާރި ދަތުރެއްގައި ގޮސް އުޅެނިކޮށް ފެނިގެން އިޙްސާނަށް ކަމުދިޔަ އަންހެނެކެވެ. އެދެމަފިރިންނަށް ދެކުދިން ލިބުނެވެ. އެހެން ނަމަވެސް އެއްކުއްޖަކު ވަރަށް ތުއްތުއިރު ނިޔާވުމުން މިއަދު ދުނިޔޭގައި ހުރީ އެންމެ ފިރިހެންދަރިއެކެވެ. އެއީ ޒަޔާން ބިން އިޙްސާނެވެ. މިއަދު މުޅި ގޭތެރެއަށް އައިސްގެން އުޅޭ އުފާވެރިކަންވެސް ގުޅިފައިވަނީ އެދަރިފުޅާއެވެ. ޒަޔާން ވިޔަފާރީގެ ރޮނގުން މާސްޓަރސް ހެދުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގައި މާލެ އަންނަނީއެވެ. އެކަން ފާހަގަކުރުމަށް ގޭގައި ކުޑަ ހަފްލާއެއް ބޭއްވުމަށް ނިންމީ ޒިޔާނާއެވެ. ޒިޔާނާ އެދޭ ކަމަކަށް ނޫނެކޭ ބުނުމަކީ އިޙްސާން ކޮށްއުޅޭ ކަމެއް ނޫނެވެ. ވިޔަފާރީގެ ކަންތައްތަކުގައި އިޙްސާނަކީ ގިނަވަގުތު ގެއިން ބޭރުގައި ހޭދަކުރާ މީހަކަށްވުމުން، ގޭތެރޭގެ ގިނަ ކަންކަން ނިންމުމުގައި އެންމެ އިސްކޮށް ބަސްކިޔާ މީހަކީ އަބަދުވެސް ޒިޔާނާއެވެ. ސިޑިން ފައިބައިގެން އައިސް ގޭގެ އެކިކޮޅުކޮޅު މައްޗަށް ޒިޔާނާ ނަޒަރު ހިންގާލިއެވެ. އަދި ދޫކޮށްލި ފުން ނޭވާއިން އޭނާ ހިތްހަމަޖެހުނުކަން ސާބިތުކޮށްދިނެވެ. ގޭގެ އެންމެ އިސް ނޯކަރަށް ގޮވާ ޒިޔާނާ އޭނާގެ ކައިރިއަށް ގެނައެވެ. ޙަލީމާ ނުވަތަ އެންމެންގެ ނަމުންނަމަ ޙަލީމައްތައަކީ އެގޭގައި އެންމެ ދުވަސްވީ ނޯކަރުވެސްމެއެވެ. ޙަލީމައްތަ އެގޭގައި މަސައްކަތްކުރާތާ މިހާރު ފަންސަވީހަކަށް އަހަރުވެދާނެއެވެ. އަޅާލާނެ މީހަކުވެސް ނެތުމާއިއެކު ޙަލީމައްތަ ދެކެނީ އިޙްސާނަކީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ.
“ކީކޭތޯ؟” ޒިޔާނާގެ ކައިރިއަށް އައިސް ހުއްޓިލަމުން އަދަބުވެރިކަމާއިއެކު ޙަލީމައްތަ އަހާލިއެވެ.
“އަހަރެން ބުނި ގޮތަށް ހުރިހާ ކަމެއްވެސް އެބަ ނިމޭތަ؟ ޒަޔާން ގެ ކޮޓަރި ހަނދާންކޮށް ސާފުކޮށްލާތި، ޒަޔާން އަންނަންވާއިރަށް ހުރިހާ ކަމެއްވެސް ހުންނަންވާނީ އެންމެ ފުރިހަމައަށް ތައްޔާރުކުރެވިފަ، އަހަރެން ބޭނުމެއް ނޫން މިއަދުގެ ޙަފްލާގައި އެއްވެސްކަމެއް ގޯސްކޮށްދާކަށް” ޒިޔާނާގެ އަޑުގައި ހުރީ އަމުރުކުރުމުގެ ގޮތްގަނޑެވެ. ޒިޔާނާ ދެކޭގޮތުގައި އެމީހަކު އުޅެންޖެހޭނީ އެމީހަކީ ކިހާ ފެންވަރެއްގެ މީހެއްކަން ދަނެގެން އެއްފެންވަރެއްގެ މީހުންނާ އެކުގައެވެ. ޒިޔާނާ ގުޅުން ބާއްވަނީވެސް ޒިޔާނާމެންނެކޭ އެއްފަންތީގައި ގުނާލެވޭ މުއްސަނދި ޢާއިލާތަކާއެވެ. ނިކަމެތިންނަކީ މުއްސަނދިންގެ ދަށުގައި ތިބެންޖެހޭ ބައެއްކަމަށް ޒިޔާނާ ދެކެއެވެ.
“ހުރިހާ ކަމެއްވެސް މިހާރު މިނިމުނީ، ޒަޔާންގެ ކޮޓަރި ސާފުކޮށް އެނދުގެ ތަންމައްޗާއި ދޮރުފޮތިވެސް އެދުނުގޮތަށް ބަދަލުކޮށްލައިފިން، ކާއެއްޗެއްސަށްވެސް އޯޑަރ ދީފައިވާނީ، ހަވީރު ޙަފްލާ ފެށުމުގެ ބައިގަޑިއިރުކުރިން ކޭޓަރ ކުރާ މީހުންނާއެކު ފޮނުވަދޭނެކަމަށް ބުނެފައިއޮތީ، އަދިވެސް އަޅުގަނޑު ގުޅާފަ ޔަގީންކޮށްލާނަން” މަސައްކަތްތައް ގޮސްފައިވާ ހިސާބު ހަލީމައްތަ ތަފްސީލްކޮށްދިނުމުން ޒިޔާނާ އަތުގެ އިޝާރާތުން ހަލީމައްތަ ދިޔުމުގެ ހުއްދަދިނެވެ. އަދި އައިސް އިހްސާނާއި ޖެހިގެން އިން ސޯފާގައި އިށީނެވެ.
“ޒިޔާ، އަހަރެން އެބަ އަންނަން އޮފީހަށް ޖައްސާލާފަ، އެންމެ ފަހުން ނެގި ޕްރޮޖެކްޓުގެ ބައެއް ލިޔެކިޔުންތަކުގެ ސޮއިކޮށްލަން މިދަނީ، އެސޮރު އަންނަންވާއިރަށް އިރާދަކުރެއްވިއްޔާ އަންނާނަން” އިޙްސާން މިހެން ބުނެ ސޯފައިން ތެދުވުމުން އެންމެ ރަނގަޅޭ ބުނެ ޒިޔާނާވެސް އިޙްސާނާއެކު ދޮރާއި ހަމައަށް އައެވެ. އިޙްސާން ނިކުމެގެން ދިއުމުން ޒިޔާނާވެސް ވަނީ ކޮޓަރިއަށެވެ.
ހަވީރުވެގެން އައިއިރު ދަޢުވަތު ދެވިގެން އައިސްފައިވާ މެހެމާނުންތަކުން އެގޭގެ ބޮޑު ސިޓިންގރޫމް އޮތީ ފުރިފައެވެ. އަންނަ މެހެމާނުންނަށް މަރުޚަބާކިޔުމަށް ޒިޔާނާ އާއިއެކު އިޙްސާނުވެސް މަޑުކޮށްލައިގެން ހުއްޓެވެ. ދަޢުވަތު ދެވިފައިވަނީ މުޅިންވެސް ނަން ހިނގާ މަޝްހޫރު މުއްސަނދިންނަށެވެ.
“މިހާރު ޒަޔާން އަންނާނެ، ދެންމެ ޑްރައިވަރ ގުޅާފަ ބުނި އެކޮޅުން ޒަޔާން ގޮވައިން ނައްޓާލި ވާހަކަ” ޒިޔާނާ އުފަލުން ހުރެ އިޙްސާނުގެ އަތުގައި ހިފާލަމުން ބުންޏެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޒަޔާން އައިސް ދޮރުމައްޗަށް އެރިތަން ފެނުމުން ދެމަފިރިންވެސް މިސްރާބުޖެހީ ތިން އަހަރުފަހުން މާލެ އައި ދަރިފުޅުގެ ގާތަށް ދިއުމަށެވެ. މެހެމާނުންގެ ނަޒަރުވެސް އަމާޒުވެފައިހުރީ ޒަޔާންއަށެވެ. ޒަޔާން އަކީ އުފެދުމުގައިވެސް ފުރިހަމަ ސިފަތަކެއް ލިބިފައިހުރި ޒުވާނެކެވެ. ޒުވާން އަންހެންކުދިންގެ ހިތްތަކުގައި އެންމެ ފެނިލުމަކުންވެސް ޒަޔާންގެ ތަސްވީރު ކުރެހިގެން ދަނީ މަދެއްކޮށެއް ނޫނެވެ. ދިގު އިސްކޮޅާއި ބައިމަތިފުޅާ ހަށިގަނޑެވެ. ގަވާއިދުން ކަސްރަތުކޮށް ހަދާކަން އެހަށިގަނޑުން ފާޅުވަމުންދިޔައެވެ. ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅިން ހަރުވައްތަރެއް ޖަހައެވެ. ފަންސަވީސް އަހަރު ވީއިރު އެހާ ކާމިޔާބު ދިރިއުޅުމެއް ލިބުމުގައި މައިންބަފައިންގެ ދައުރު ބޮޑުކަމަށް ޒަޔާން ގަބޫލުކުރެއެވެ. އެހެން ނަމަވެސް ޒަޔާންއަށް ގޭތެރެއިން ފެންނަމުން ދިޔައީ އޭނާ އުއްމީދުކުރި ފަދަ މަންޒަރެއް ނޫނެވެ. އޭނާ އަންނާތީ މަންމަ މިހާ ބޮޑުވަރު ކޮށްލާނެކަމަކަށް ޒަޔާން ހިޔެއްނުކުރެއެވެ. މިފަދަ ބޮޑެތި ޙަފްލާތަކާއި ޒަޔާން އެހާ ގަޔައެއް ނުވެއެވެ. އެހެން ނަމަވެސް މަންމަ އާއި ބައްޕަ ކައިރިއަށް އައުމުން މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފިލުވާލައި ހިނިތުންވުމާއިއެކު ކަރާއިކަރު ޖައްސާ އެމީހުންނާ ސަލާމްކުރިއެވެ.
“ދަރިފުޅު ހާދަ ބޮޑުވެއްޖޭ، މަންމަގެ ކުޑަކުޑަ ޔާން ހެންވެސް ހީނުވޭ، ވީޑިއޯ ކޯލް އެވަރަށް ކުރާއިރުވެސް ހަމަލޮލަށް ފެނުނީމަ ދަރިފުޅަށް އައިސްހުރި ބަދަލު ފާހަގަވީ” ޒަޔާންގެ އަތުގައި ހިފާލައިގެން ހުރެ ޒިޔާނާ ވާހަކަ ދައްކަމުންދިޔައީ ހިނިތުންވެ ހުރެއެވެ.
“ދަތުރު ކިހިނެއްތަ ދަރިފުޅާ، ވަރަށް ވަރުބަލިދޯ، ދޭ ފްރެޝްވެލައިގެން އަންނަން” އިޙްސާނު ޒަޔާން އަށް ބަލައިލަމުން ބުންޏެވެ. އެއާއިއެކު ލަސްނުވެ އަންނާނަމޭ ބުނެ ޒަޔާން މިސްރާބުޖެހީ އޭނާގެ ކޮޓަރި އާއި ދިމާލަށެވެ. ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަދެވުނު އިރު ޒަޔާންގެ ފޮށި ހުރީ ކޮޓަރިއަށް ގެނެސްދީފައެވެ. ޒަޔާން ދޮރު ތަޅުލުމަށްފަހު އުއްޑުން އެނދުމަތީގައި ޖައްސާލިއެވެ. ބޭރަށް ނިކުންނަ ހިތް ނެތްނަމަވެސް ނުނިކުމެ ނުވާނެކަން ޒަޔާންއަށް އެނގެއެވެ. ފޫހި ގޮތަކަށް ޒަޔާން ތެދުވެ ތުވާލި ހިފައިގެން ފާޚާނައަށް ވަނެވެ.
ފެންވަރާ ތާޒާވެލައިގެން ޒަޔާން ތިރިއަށް އައުމާއިއެކު ޒިޔާނާ، ޒަޔާން ބައްދަލުކޮށްލަން ޖެހޭ ބަޔަކު ތިބިކަމަށް ބުނެ އޭނާ ގޮވައިގެން އެއްފަރާތެއްގައި ތިބި ބައެއްގެ ގާތަށް ޖެހިލިއެވެ. އަދި ތަންކޮޅެއް ދުރުގައި ބަޔަކާއި ވާހަކަދައްކަން ހުރި އިޙްސާނަށް އިޝާރަތްކޮށް އޭނާވެސް އެތަނަށް ގެނައެވެ.
“ދަރިފުޅާ، މިއީ ރޫބީ ކޮމްޕެނީގެ ވެރިޔާ އިސްމާއިލް ޝަރީފް، ދެން މިހުރީ ޝަރީފްގެ ހުރި ހަމައެކަނި ދަރިފުޅު އީނާ” ޒަޔާންއަށް އެއީ ކޮން ބައެއްކަން ޒިޔާނާ ތަޢާރަފްކޮށްފިނުމުން ޒަޔާން އިސްވެ ސަލާމަށް އަތްދިއްކޮށްލިއެވެ. މިމަންޒަރުން އިޙްސާނުގެ ހިތަށް އުފާވެރިކަން އިޙްސާސްވެގެން ދިޔައެވެ. ޒަޔާން ސަލާމަށް ދިއްކޮށްލި އަތުގައި އީނާ ހިފީ ލަދުން ހުރެއެވެ. ޒަޔާން ފެނުމުން އީނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ހިނގައްޖެއެވެ. ޒިޔާނާ މަޑުމަޑުން އިޙްސާނުގެ އަތުގައި ކޮށްޓާލީ ކަމެއް ހަނދާންކޮށްދޭ ފަދައިންނެވެ.
“ދަރިފުޅާ ޒަޔާން، ބައްޕަގެ ވިޔަފާރީގައި އެންމެ އެހީތެރިވީ އެކަކު އިސްމާއިލަކީ، ބައްޕަމެން މިގަސްތުކުރަނީ މިގުޅުން އިތުރަށް ބަދަހިކޮށްލަން ދަރިފުޅާއި އީނާގެ ކައިވެނި ހަމަޖައްސަން” އިޙްސާނުގެ މިޖުމްލަ އާއިއެކު ޒަޔާންއަށް ސިހިފައި ބައްޕަގެ މޫނަށް ބަލައިލެވުނެވެ.
(ނުނިމޭ)


