ގޮށްކޮޅުގެ ދައުވަތު ގަބޫލުކުރެއްވި ކެނޑިޑޭޓުންގެ ވަނަވަރުތައް ގެނެެސްދީ ނިންމައިލައިފިއެެވެ.
މިގޮތުން މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ދުވާލަކު ކެނޑިޑޭޓެއްގެ ވަނަވަރު ގެނެސްދީ، ޖުމުލަ 3 ކެނޑިޑޭޓެއްގެ ވަނަވަރު ގެނެސްދީފައިވެއެވެ. އެއީ ޕީ.ޕީ.އެމްގެ ފަރާތުން ކައުންސިލު ރައީސްކަމަށް ވާދަކުރައްވާ ކެނޑިޑޭޓު ނަންބަރު 8 އަހްމަދު ޢަބްދުލް ވާޙިދު އާއި އެ ޕާޓީގެ ފަރާތުން ކައުންސިލު މެންބަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓު ނަންބަރު 23 މުޙައްމަދު އާދަމް އަދި ކައުންސިލު އަންހެން މެންބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު ނަންބަރު 18 ފާޠިމަތު ނާސިރާއެވެ.
ގޮށްކޮޅުން އެރުވި ދައުވަތު ޖުމުލަ 5 ކެނޑިޑޭޓަކު ގަބޫލުކޮށްފައިވީނަމަވެސް 2 ކެނޑިޑޭޓެއްގެ އެދުމުގެ މަތިން އެ 2 ކެނޑިޑޭޓުންގެ ވަނަވަރު ގެނެސްދީފައިނުވެއެވެ.
މިގޮތުން ވަނަވަރު ޝާއިރުނުކުރުމަށް އެދިފައިވަނީ ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަކުރައްވާ ނާހިދާ އަލީ އަދި އައިޝަތު ވަހީދާއެވެ. ވަނަވަރުގެ ދައުވަތު ގަބޫލުކުރެއްވުމަށްފަހު، ޝާއިރުކުރަން ބޭނުންނުވި ސަބަބާ ގުޅޭގޮތުން ގޮށްކޮޅުން ކުރި ސުވާލަށް ނާހިދާ އަލީ އަދި އައިޝަތު ވަހީދާ ވިދާޅުވީ އެކަށީގެންވާ ވަގުތު ނުލިބުމުން އެ ފޯމު ރަނގަޅަ ނުފުރޭކަމަށެވެ.މި 2 ކެނޑިޑޭޓުން އެހެން ވިދާޅުވިއިރު 9 މާރޗުން ފެށިގެން އެ މަހުގެ ނިޔަލަށް ވަގުތު ހުޅުވާލާފައިވެއެވެ. އަދި އެ ދެފަރާތުގެ ވަނަވަރު ލިބިފައިވަނީވެސް އެންމެ ފަހު ވަގުތުގައެވެ.



