ރޭ ޗެމްޕިއަންސް ލީގް ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ބަޔާންމިއުނިކް އާއި ޗެލްސީ ބައްދަލު ކުރި މެޗު ބަޔާން ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. ރޭ ނަޕޯލީ އާއި ސްޕެއިންގެ ބާސެލޯނާ ބައްދަލު ކުރި މެޗު ބާސާއިން ކާމިޔާބުކޮށް ބާސާވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. ފުރަތަމަ ލެގުގައި މިދިޔަ ފެބްރުއަރީ މަހު 3-0 ގެ ނަތީޖާ އަކުން ބަޔާން މޮޅުވެފައި ވުމާއި އެކު އެ ޓީމު މިމެޗަށް ނިކުތީ އެޑްވާންޓޭޖަކާއި އެކުގައެވެ. ބަޔާން މިމެޗު ކާމިޔާބުކޮށް ކުއާޓާގެ ޖާގަ ކަށަވަރު ކުރީ އެގްރިގޭޓް 7-1 ގެ ނަތީޖާ އަކުންނެވެ.
ޗެލްސީގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ނުލާ ނިކުތް މި މެޗުގައި ބަޔާންގެ ލެވަންޑޮސްކީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީ އެއްގައި ލެވަންޑޮސްކީ ކާމިޔާބު ކުރިއިރު ދެވަނަ ލަނޑަކީ ލެވަންޑޮސްކީ ހޯދައިދިން ފުުރުސަތެއް ގައި އިވަން ޕެރިސިކް ކާމިޔާބު ކުރި ލަނޑެކެވެ.
ޗެލްސީ ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެން ދަނިކޮށް އަބްރަހަމް ކާމިޔާބު ކުރި އިރު މި ލަނޑަކީ ބަޔާންގެ ކީޕަރު މެނުއާ ހެދި ގޯހަކުން އޭގެ ފައިދާ ޗެލްސީ އިން ނަގައި ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފް 2-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔަ އިރު ބަޔާންއިން އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 76 ވަނަ މިނަޓްގައި ވަނީ ކާމިޔާބު ކޮށްފައެވެ. މި ލަނޑު ލެވަންޑޮސްކީ ހޯދައިދިން ފުރުސަތެއްގައި ޓޮލިސޯ ކާމިޔާބު ކުރިއިރު 84 ވަނަ މިނަޓްގައި ލެވަންޑޮސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.
މލރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ލެގު މިދިޔަ ފެބްރުއަރީ މަހު ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅެ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެފައި ވުމުން ބާސާ ކުއާޓާ އަށް ދަތުރު ކުރީ އެގްރިގޭޓް 4-2 ގެ ނަތީޖާ އަކުންނެވެ.

ރޭ ކުޅުނު މެޗުގެ ހުރިހާ ލަނޑެއްވެސް ފުރަތަމަ ހާފް ގައި ފެނިގެން ދިޔަ އިރު މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ކާމިޔާބުކޮށް ބާސާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ރަކިޓިޗް ނަގައިިދިން ހުރަހެއްގައި ޑިފެންޑާ ލިންގްލެޓް ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ ދެވަނަ ލަނޑަކީ މެސީ އޭރިއާ ތެރޭގައި ދެއްކި ތަފާތު މޮޅު ކުޅުމަކަށް ފަހު ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ 30 ވަނަ މިނެޓްގައި މެސީ ކާމިޔާބު ކުރި ލަނޑެއް އަތުގައި ޖެހުނު ކަމަށް ބަލައި ވީއޭއާރު އިން ވަނީ އެ ލަނޑު ބާތިލް ކޮށްފައެވެ. ބާސާއިން ކާމިޔާބު ކުރި ތިން ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި ސުއަރޭޒް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑާއިއެކު ބާސާއިން ވަނީ 3-0 ގެ ނަތީޖާ އަކުން ލީޑު ފުޅާކޮށްފައެވެ.
ނަމަވެސް އޭގެ މާ ގިނަ އިރުތަކެއް ނުވެ ފުރަތަމަ ހާފް ނިމެން ވަނިކޮށް ބާސާގެ އޭރިއާ ތެރޭން ރަކިޓިޗް ކުރި ފައުލަކާ ގުޅިގެން ނަޕޯލީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ލިބުނު ޕެނަލްޓީގައި ލޮރެންޒޯ އިންސިގޭ ވަނީ ނަޕޯލީގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ.
މިމެޗުން މޮޅުވުމާއި އެކު ކުއާޓާގައި އަންނަ ހުކުރު ދުވަހު ނޮކްއައުޓް އުސޫލުން ބަޔާަން ނިކުންނަން ޖެހޭނީ ރޭ ނަޕޯލީ ބަލިކޮށް ކުއާޓާއަށް ދަތުރު ކުރި ސްޕެއިންގެ ބާސާ އާއި ދެކޮޅަށެވެ.


