ޤައުމީ ވިސްނުން އިސްކުރަން އެބަ ޖެހޭކަމަށް ޕީޕީއެމް–ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ރޭ ޕީޕީއެމް–ޕީއެންސީން ‘ޝުކުރިއްޔާ ދިވެހީން’ ގެ ނަމުގައި މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުންނެވެ. މި އިވެންޓަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވި އިވެންޓެކެވެ.
‘ޝުކުރިއްޔާ ދިވެހީން’ އިވެންޓުގައި ވާހަކަދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ މި ހޭދަކުރަމުންދާ ބިރުވެރި ދުވަސްތައް ނިމުމަކަށް ގެންނަން ދިވެހިރައްޔިތުން ބޭނުންވާކަމަށާއި، ދިވެހި ޤައުމަށް ނާމާން ބިރުވެރިކަމެއް ދިމާވާ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުން ޤައުމީ ލޯބީގައި ތެދުވާކަމަށެވެ. އެގޮތުންމާޒީން އެކަން ފެނިފައިވާ ކަމަށާއި، 9 ސެޕްޓެމްބަރުގައިވެސް ދިވެހީން ވަނީ ޤައުމު އިސްކޮށްފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ޤައުމުގެ ކަންކަމުގެ ތެރެއަށް އެހެން ބަޔަކު ވަދެ ގޮތް ކަނޑައަޅާ ހިސާބަށް ދިޔުމުން އެކަމަށް ނޫނެކޭ ބުނެ ތެދުވަން ޖެހޭނެކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.