ޒަމާނީ ޑިމޮކްރަސީއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑި: ރައީސް

ޚަބަރު ފަހުގެ

އިޤްތިޞާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ، ޒަމާނީ ޑިމޮކްރެސީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ، ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ވަރަށް ގިނަ ބައެއްގެ ހިތްވަރާއި ޤުރުބާނީގެ ޙިއްޞާބޮޑުކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޑިމޮކްރެސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުޞަތުތަކާއި ހަމަހަމަ ޙައްޤުތަކުން ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެ އުޞޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ޤައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

“ޑިމޮކްރެސީގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުން ބާރުވެރިކުރުވުން ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެއްވެސް ކަމެއްގައި މިންތީ ތަފާތެއް ނުވަތަ އެނޫން ވެސް ތަފާތުކުރުމެއް ނުގެންގުޅުން. ޤައުމުގެ ކަންކަމުގައި ބަސް ބުނެ ޚިޔާލު ފާޅުކުރުމުގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިންތީ ހަމަހަމަކަން ޤާއިމުކުރުމަށް. އެކަމަށްޓަކައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ޤާނޫނީ އޮނިގަނޑަށް ގެނައި ބަދަލުތަކުން އެންމެ ހެޔޮ ނަތީޖާއެއް ފެންނަމުން އަންނަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުން.” ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

މީގެ އިތުރުން، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރަސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައިކަންރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޫސްވެރިކަން ކުރުމުގެ މިނިވަން މާޙައުލެއް ރާއްޖޭގައި ޤާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއްކަމަށެވެ. ނަމަވެސް ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފާއިރު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ޙައްޤުތަކެއް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ