ހަނިމާދޫ ކައުންސިލްގެ ނަމުގައި އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ‘އެގްޒެކެޓިވް ޑިރެކްޓަރެއް’ ހޯދަނީ

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީ، އެކުންފުނީގެއެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން  ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދި އެ އިދާރާއަށް ހުށަހެޅުމަށެވެ.

މި އިއުލާނުގައި ބުނާ ގޮތުންއެގްޒެކެޓިވް ޑިރެކްޓަރގެ މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި މަގާމަށް އެދިހުށަހަޅާ ފަރާތަކީ ބުއްދި ސަލާމަތުންހުރި މީހަކަށް ވާންޖެހޭނެއެވެ. ހަމައެއާއެކު، ވޭތުވެދިޔަ ހަ މަސް ތެރޭގައިރެޖިސްޓާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީންނުވަތަ މި ތަމްރީން ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން، މަގާމަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް ވާނަމަ އެ ދަރަނި ދައްކަމުން އަންނަ މީހަކަށްވާންޖެހެއެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާނަމަ، އެ ހުކުމުން ކަނޑައެޅުނު އަދަބުމައާފުކުރެވުނުތާ މަދުވެގެން ތިން އަހަރު ވެފައިވާންޖެހެއެވެ. އަދި ވައްކަމާ ޓެކުން އަދި ހިޔާނާތުގެ ކުށެއް ކުރިކަން ސާބިތު ނުވާ މީހަކަށްވެސް ވާންޖެހޭނެއެވެ.

ހަމައެއާއެކު، މި މަގާމަށް އެދި ހުށަހަޅާ ފަރާތަކީ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުމާއެކު، ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވާންޖެހެއެވެ. އެފަރާތަކީ އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ މީހަކަށް ވެގެން ވެސް ނުވާނެއެވެ. އަދި ކައުންސިލުން ވިޔަފާރި ކުރަމުންދާ ނުވަތަ ވިޔަފާރި ކުރުމަށް ހުށަހަޅާ ސިނާއަތުގައި ވިޔަފާރި ކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، ލެޓާ އޮފް އިންޓަރެސްޓް، ސީވީ، ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ އެ އިދާރާގެ އީމެއިލް، info@hanimaadhoo.gov.mv މެދުވެރިކޮށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެއެވެ. މި ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 03 އޮކްޓޫބަރު 2023 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ